ދީން

ސަރުކާރުގެ ހުރިހާ މުއައްސަސާތައް ޙައްޖު ސްކީމްގައި ބައިވެރިކުރަނީ


މުވައްޒަފުންގެ ސްކީމަކީ ދުރާލާ ފައިސާ ދައްކައިގެން ޙައްޖަށާއި ޢުމްރާއަށް ދިއުމުގެ މަގު ތަނަވަސްކޮށްދޭ ސްކީމެކެވެ. އެގޮތުން މި ސްކީމްގައި ބައިވެރިވުމުން ކޮންމެ މަހަކު މަދު ފައިސާކޮޅެއް ޖަމާކޮށްގެން ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޙައްޖަށް ދެވޭ މިންވަރަށް ފައިސާ ދައްކައި ޚަލާޞް ކުރެވޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއްވައެވެ. 

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ، މި ސްކީމް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ ޙައްޖަށާއި، އުމްރާއަށް ދިއުމަށް ޒުވާނުންނަށް ފުރުޞަތު ދެއްވުންކަމަށެވެ. ޔާމީން ވިދާޅުވީ ޙައްޖު ކޯޕަރޭޝަންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ އަމިއްލަ ކުންފުނިތައްވެސް މި ސްކީމްގައި ބައިވެރިކުރުންކަމަށެވެ. އެގޮތުން މިހާތަނަށް، ސަރުކާރުގެ ތިން ވުޒާރާއަކާއި، ބައެއް ކުންފުނިތަކާއި މުއައްސަސާތައް ހިމެނޭގޮތުން ޖުމްލަ ސާދަ އޮފީހަކުން މި ސްކީމްގައި ބައިވެރިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/1758.jpg|ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދުރީސް - ފޮޓޯ: ޕީއެސްއެމް ނިއުސް ފައިލް

މި ސްކީމްގައި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވިދާނެކަމަށާއި، މުވައްޒަފުންގެ ސްކީމަށްވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ޙަސަން ސިނާން ވިދާޅުވީ، އެކުންފުނިން ބޭނުންވަނީ ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތަށް އެކުންފުނީގެ މަސައްކަތްތައް ބައްޓަންކުރުންކަމަށެވެ. އޭނާ ވިދާޅުވީ، މުވައްޒަފުންގެ ސްކީމްގައި ބައިވެރިވާ ކޮންމެ ފަރާތަތަކަށް، އެފަރާތަކުން ބޭނުންވާ ޢަދަދަކަށް ފައިސާ ޖަމާކުރުމުގެ އިޙްތިޔާރު އޮންނާނެކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14634710948204.jpg|މުވައްޒަފުންގެ ޙައްޖު ސްކީމްގައި ފިނޭންސް މިނިސްޓްރީން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މި ސްކީމްގެ ދަށުން ޖަމާކުރާ ފައިސާއިން ޙަލާލު އިންވެސްޓްކޮށްގެން ލިބޭ ފައިދާ ސްކީމްގެ ބައިވެރިންގެ އެކައުންޓުތަކަށް ޖަމާކުރާނެކަމަށް ސިނާން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސްކީމްގެ ބައިވެރިންނަށް އަވަހަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އިންވެސްޓުމަންޓުތަކުން ލިބޭ ފައިދާގެ ނުވަދިހަ ފަހެއް އިންސައްތަ ސްކީމްގައި ބައިވެރިވާ މެންބަރުންގެ މެދުގައި ބަހާނެކަމަށް އެކޯޕަރޭޝަނުން މަޢުލޫމާތުދެއްވައެވެ.