ޚަބަރު

އީރާނުގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އެ ޤައުމަށް ވަޑައިގެންފި


  • ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަނީ މަދަމާ

  • ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވަނީ ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި

އީރާނުގެ އައު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް އީރާނަށް ވަޑައިގެންފިއެވެ.

އީރާނުގެ އައު ރައީސް، މަޤާމުގެ ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އީރާނުގެ އިމާމް ޚުމައިނީ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރު އަލާއުއްދިން ބުރޫޖަރްދީއެވެ.

އީރާނުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑރ. މަސްއޫދު ޕެޒެޝްކިއާން މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 30 ވަނަ ދުވަހުއެވެ.

އީރާނުގެ ރައީސްކަމުގެ މަޤާމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު މަސްއޫދު ޕެޒެޝްކިއާން އިންތިޚާބުވެވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ޤައުމުގެ އިސް ނިއުކްލިޔަރ ނެގޯޝިއޭޓަރކަމުގެ މަޤާމު ފުރުއްވާފައިވާ ސަޢީދު ޖަލީލީގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

ދިވެހިރާއްޖެއިން އީރާނާއެކު ސިޔާސީގޮތުން އަލުން ގުޅުން ޤާއިމުކުރީ 2023 މާރިޗް 30 ގައެވެ.