ޚަބަރު

އީޔޫއަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • ވިލާތުގެ އިއްތިހާދުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ވަނީ އަރުވާފައި

ވިލާތުގެ އިއްތިހާދު ނުވަތަ ޔޫރަޕިއަން ޔޫނިއަން، އީޔޫއަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ވިލާތުގެ އިއްތިހާދުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، މޮރީނޯ ރޭމުންޑޯގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އެރުވުމަށް ބޭއްވެވި ރަސްމިއްުޔާތުގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިލާތުގެ އިއްތިހާދުގެ ސަފީރު، މޮރީނޯ ރޭމުންޑޯއަށް މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިލާތުގެ އިއްތިހާދުގެ ސަފީރާއެކު އެކި ދާއިރާތަކާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ. ހާއްސަގޮތެއްގައި ރާއްޖެއިން ވިލާތުގެ އިއްތިހާދަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީއަށް ވިލާތުގެ އިއްތިހާދުން ލިބޭ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއާއި ވިލާތުގެ އިއްތިހާދާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1983 ވަނަ އަހަރުއެވެ.