ޚަބަރު

3 ޤައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން ފަތްކޮޅު އަރުވައިފި


  • ފަތްކޮޅު އަރުވާފައިވަނީ ސުވިޓްޒަލެންޑް، ނިއުޒިލެންޑް އަދި އެންގޯލާގެ ސަފީރުން

3 ޤައުމަކުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.

ވަކިވަކިން ބޭއްވެވި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތަކަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް މިއަދު ފަތްކޮޅު އަރުވާފައިވަނީ ސުވިޓްޒަލެންޑް، ނިއުޒިލެންޑް އަދި އެންގޯލާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުންނެވެ.

1981 ވަނަ އަހަރު ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާ ސުވިޓްޒަލެންޑުން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި ކަނޑައެޅުއްވީ ޑރ. ސިރީ ވޯލްޓްއެވެ. ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސުވިޓްޒަލެންޑް ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

1974 ވަނަ އަހަރު ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާ ނިއުޒިލެންޑުން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި ކަނޑައެޅުއްވީ ޑޭވިޑް ޕައިންއެވެ. ނިއުޒިލެންޑް ސަފީރާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީތައުލީމުގެ ދައިރާއިން ގުޅުންތައް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ.

ސުވިޓްޒަލެންޑާއި ނިއުޒިލެންޑްގެ އިތުރުން، އެފްރިކާގެ ޤައުމެއްކަމަށްވާ އެންގޯލާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅުވެސް މިއަދު ރައީސުލްޖުމްހޫެރިއްޔާއަށް އެރުވިއެވެ. 2020 ވަނަ އަހަރު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރި އެންގޯލާއިން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި ކަނޑައެޅުއްވީ ކްލެމެންޓޭ ޕެޑްރޯ ފްރެންސިސްކޯއެވެ. ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އެންގޯލާގެ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.