ލިވަޕޫލްގެ ޖަޕާން މިޑްފީލްޑަރު، ވަޓަރު އެންޑޯ ގަތުމަށް ފްރާންސްގެ އޮލިމްޕިކް މާސޭ އިން ހުށަހެޅި 14 މިލިއަން ޔޫރޯގެ ބިޑަށް އެ ޓީމުން ފުރަގަސްދީފައިވާ ކަމަށް މީޑިއާ ހަބަރުތައް ބުނެފިއެވެ.
އެންޑޯ، 31، ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ތިން އަހަރު އެބައޮތެވެ.
އެންޑޯގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކްލަބުތަކުގެ ތެރޭގައި، މާސޭގެ އިތުރުން ޖަރުމަނު ލީގުގެ ބައެއް ކްލަބުތައް ހިމެނެއެވެ.
ލިވަޕޫލުން މިދިޔަ އޮގަސްޓް މަހުގައި އެންޑޯގެ ސޮއި ހޯދީ، ސްޕެޝަލިސްޓް ހޯލްޑިންގ މިޑްފީލްޑަރެއް ގެނައުމަށް ކުރި މަސައްކަތުގެ ތެރެއިން، ޗެލްސީއާ ވާދަކޮށް މޮއިސެސް ކައިސެޑޯ އަދި ރޮމިއޯ ލަވިއާ ހޯދުމުގެ ރޭހުން ކުރިހޯދޭގޮތްނުވުމުންނެވެ.
މިދިޔަ ސީޒަނަށް ޖަރުމަނުގެ ސްޓުޓްގާޓުން 16.2 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ލިވަޕޫލަށް ބަދަލުވެ، އެންޑޯ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، އެންޑޯ ވަނީ ނިމިދިޔަ ސީޒަނުގައި އެ ޓީމަށް 43 މެޗު ކުޅެދީފައެވެ.
މިހާރު ލިވަޕޫލް ސްކޮޑާއެކު ފިލަޑެލްފިޔާގައި ހުރި އެންޑޯއަށް އެންފީލްޑްގައި ހޭދަކުރީ ފުރަތަމަ ދުވަސްތައް ދަތިކޮށްދިޔަނަމަވެސް، ފަހުން ޕްރިމިއާ ލީގުގެ ސްޓައިލަށް އަހުލުވެރިވުމަށްފަހު އޭނާގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވިއެވެ.
މިވަގުތަށް ބަލާއިރު، ކޯޗު އާން ސްލޮޓަށް ހޯލްޑިންގ މިޑްފީލްޑްގައި ކުޅުވޭނެ އެހެން ކުޅުންތެރިން އެބަތިއްބެވެ. އެގޮތުން، އާޖެންޓީނާގެ މިޑްފީލްޑަރު، އެލެކްސިސް މެކް އެލިސްޓާ، ކާޓިސް ޖޯންސް އަދި ސްޓެފަން ބަޖެޓިޗް ވެސް އެ ރޯލަށް ކުޅެވިދާނެ އެވެ. އެހެންނަމަވެސް، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެންޑޯ ވިއްކާލައިފިނަމަ އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ގެންނާނެ ކަމަށް ބެލެވެއެވެ.
އެކަމަކު، މިވަގުތަށް ބަލާއިރު ލިވަޕޫލުން އެންޑޯ ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށާއި، ހާއްސަކޮށް މާސޭ އިން ލިބުނު ހުށަހެޅުން އައި ވަގުތުގެ ގޮތުންނާއި، ބަދަލުގައި އެހެން ކުޅުންތެރިއަކު ހޯދުމަށް އޮތް ފުރުޞަތުތައް ހަނިވެގެން ގޮސްފައިވުމާއެކު އެ ޓީމުގެ ކޯޗު، އާން ސްލޮޓްގެ ސްކޮޑަށް މާގިނަ ބަދަލުތަކެއް ގެނެވެން ނެތުމުން އެ ބިޑަށް ފުރަގަސްދިނީ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.