ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާއިން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފިއެވެ.
މީރާގެ އޮޑިޓްގައިވާ ގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ 14 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި ހުރިކަން ވަނީ ހާމަވެފައެވެ.
މީރާގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ މައްސަލައަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ލިބުމުގައި ހުރި މައްސަލަތަކާއި އެފައިސާ ހޯދުމަށް ދައުލަތް ނުކުޅެދިފައިވާކަމެވެ. މިގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް ޓެކްސް އަދި އެނޫން ފައިސާއާއެކު ދައުލަތަށް 14 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހެއެވެ. މީގެތެރެއިން ގިނައީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެވެ. މިގޮތުން ޓޫރިސްޓް ރިސޯޓުތަކުގެ ކުއްޔަށްވާ 9 ބިލިއަން ރުފިޔާ ނުލިބިހުރިއިރު މިގެތެރެއިން 6 ބިލިއަނަށްވުރެ ގިނަ ރުފިޔާއަކީ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއާއި އޭގެ އިންޓްރެސްޓްކަން މީރާގެ އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް މީރާއިން އެކި މަސައްކަތްކޮށްފައިވާކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ކޮންމެ ސުންގަނޑިއަކާއި ވިދިގެން ފައިސާ ނުދައްކާ ފަރާތްތަކަށް، ފައިސާ ދެއްކުމަށް ހަނދާކޮށްދީ، ފައިސާ ދެއްކުމަށް ބާރުއެޅުމުގެ ގޮތުން 30 ދުވަހުގެ ނޯޓިސްއެއް ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާގެ ވެބްސައިޓުގައި އަދި ގެޒެޓުގައި ޢާއްމުކުރުމާއި، ކޮންމެ މަހަކުވެސް ފައިސާ ނުދައްކާ ފަރާތްތަކިގެ ތަފްސީލު ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ހިއްސާކުރަމުން ގޮސްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު ރިސޯޓު ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އަހަރުން އަހަރަށް އިތުރުވަމުންދާތީ އެކަމާއި ގުޅިގެން ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއެކު މަޝްވަރާކޮށް ހައްލު ހޯދުމަށް މީރާއިން މަސައްކަތްކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
މީރާއިން ކުރަމުންދާ މަސައްކަތުން އަދިވެސް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ބޮޑު ޢަދަދެއް ހުރުމާއެކު އޮޑިޓް އޮފިހުންވަނީ އެފައިސާ ހޯދުމަށް ތަންފީޒީ ފިޔަވަޅުތައް ގަވާއިދުން އަޅަމުންދިޔުމަށް އިރުޝާދުދެއްވާފައެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށްވެސް ވަނީ އިރުޝާދުދެއްވާފައެވެ.
މީރާއިން ކޮށްފައިވާ މަސައްކަތުން ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ކޯޓުން ހުކުމްކޮށްފައިވާ ފައިސާވެސް ޙުކުމާ އެއްގޮތަށް ދައްކާފައިނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. ހަމައެއާއެކު ބައެއް އެއްބަސްވުންތައް ބާތިލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކޯޓުން ކަނޑައަޅާފައިވާ ހާލަތްތަކުގައި، ކުލީގެގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މެދު ޚިލާފު އުފެދިފައިވާ މައްސަލަތަކުގައި ޢަމަލުކުރަންވީ ގޮތް މީރާއަށް އަންގައިދިނުމަށް އެދި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގައި ތަކުރާރުކޮށް އެދިފައިވީނަމަވެސް އެވުޒާރާގެ އެއްބާރުލުން އެކަމުގައި މީރާއަށް ނުލިބޭކަން ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
In Tuesday's hearing PAC will hear from MIRA CG re uncollected revenue. As of end of May uncollected amount is RF 15,445,526,584.29. There are no 2 ways, we have to collect the dues. And we will get to the bottom of this. pic.twitter.com/peXF3VjXFx
— Ahmed Nazim (@MP4Dhiggaru) July 27, 2024
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ބޮޑުބައެއް ހިއްސާކުރަނީ ރިސޯޓުތައް ހިންގާ ފަރާތްތަކުންނެވެ. އެފަރާތްތަކުގެ ނަން ޢާއްމުކޮށް، ފައިސާދެއްކުމަށް ކޯޓުން ޙުކުމް ކުރިނަމަވެސް އެފަރާތްތަކާއި މެދު އެޅޭ ފިޔަވަޅުތައް ތަންފީޒުކުރެވެމުން ނުދާކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކުގައި އެބައޮތެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ ޢަދަދު މިއަހަރުގެ މޭއި މަހުގެ ނިޔަލަށް 15 ބިލިއަނަށްވުރެ އިތުރުވެފައިވާއިރު، ރާއްޖޭގެ ދަރަނި ޚަލާސްކުރުމަށް މިފައިސާ ހޯއްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.