ތަޢުލީމު

މައި ކޮލެޖަކީ ނަންހިނގާ ކޮލެޖަކަށް ބަދަލުކުރެވިއްޖެ


މައި ކޮލެޖަކީ ނަންހިނގާ ކޮލެޖަކަށް، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ބަދަލުކުރެވިފައިވާކަމަށާއި، އުންމީދަކީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެކޮލެޖަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި އިސް ދައުރެއް އަދާކުރާ އަދި ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވާލެވޭ ކޮލެޖަކަށް ހެދުންކަމަށް މައި ކޮލެޖްގެ ޗެއަރމަން އަދި ސީ.އީ.އޯ އަހްމަދު މުއްތަކީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މައިކޮލެޖްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާއަށްފަހު ޕީ.އެސް.އެމް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. އަމީނިއްޔާ ސްކޫލުގެ ލީޑިންގ ޓީޗަރަކަށް ހުންނަވައިގެން އިންޓަރނޭޝަނަލް އިންސްޓްޓިއުޓް ފޯރ ކެރިއަރ ޑިވޮލޮޕްމެންޓްގެ ނަމުގައި 2006 ވަނަ އަހަރު އަހްމަދު މުއްތަކީ އުފެއްދެވި މި އިންސްޓްޓިއުޓްގެ ޚިދުމަތް ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މިވަނީ ވަރަށް ބޮޑަށް ކުރިއަރައި މަތީ ފެންވަރުގެ ކޯސްތަށް ހިންގާ ކޮލެޖަކަށް ބަދަލުވެފައެވެ.

މިހާރު މައިކޮލެޖުން ސެޓްފިކެޓް ލެވަލްއިން ފެށިގެންގޮސް ޑިގްރީ ފެންވަރުގެ ކޯސްތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ކެމްޕަސްތަކުން ހިންގަމުންދެއެވެ. މައިކޮލެޖްގެ ޚިދުމަތްތަކާއި ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން ކޮލެޖްގެ ޗެއަރމަން އަދި ސީ.އީ.އޯ އަހްމަދު މުއްތަކީ ވިދާޅުވީ، ރަނގަޅު ފެންވަރުގެ މަތީ ތަޢުލީމު އެންމެ އެކަށީގެންވާ ގޮތުގައި ހުރިހާ އެންމެންނަށްވެސް ލިއްބައިދިނުމަކީ އަމާޒުކަމަށެވެ.

ދިހަ އަހަރު ފުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން މައި ކޮލެޖްގެ ރެކްޓަރ ޑރ. އާމާލް އަލީ ވިދާޅުވީ، އެ ކޮލެޖުން ތަޢުލީމު ފޯރުކޮށް ދެނީ ޤައުމައްޓަކައި ޤައުމުގެ އެންމެ މުހިންމު އެއްބައިކަމުގައިވާ ޒުވާނުންނައްޓަކައި ކަމަށެވެ. ދިހަ އަހަރު ފުރުމާއި ގުޅިގެން މައިކޮލެޖްގެ ދަރިވަރުންނާއި، އިސްދަރިވަރުން ގުޅިގެން މިހަފްލާގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިހަފްލާފައި ކޮލެޖްފެ ފަރާތުން ހުރިހާ ދަރިވަރުންނަށްޓަކައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް މެދުވެރިކޮށް ހުންނަ އީ-ލައިބްރަރީގެ ޚިދުމަތް ލިބޭނެ ވަސީލަތެއް ޤާއިމްކޮށްދެއްވާފައެވެ. މާސްޓާޒް ޕްރޮގްރާމްތަށް ފެށުމުގެ މަސައްކަތް ބޭރުގެ އޯޕަން ޔުނިވަރސިޓީތަކާއި ގުޅިގެން ކުރަމުންދާކަމަށް މައިކޮލެޖުން ވިދާޅުވެއެވެ.

މާލޭގެ ކެމްޕަސްތައް ހިމެނޭ ގޮތަށް ރާއްޖޭގެ ތަފާތު އަތޮޅުތަކުގައި މައި ކޮލެޖްގެ 20 ކެމްޕަސް ހުރިއިރު، މި ކެމްޕަސްތަކުން 700 އަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާޞިލްކުރަމުންދެއެވެ. ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ކިޔަވާ ދަރިވަރުންގެ އަދަދު 2،000 އަށް ބަދަލުކޮށް، ކެމްޕަސްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް މައި ކޮލެޖުން މައުލޫމާތުދެއްވައެވެ.