ޚަބަރު

ސަރުކާރު ކުންފުނިތަކުގެ މައްޗަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ހިންގޭނެ: ސުޕްރީމް ކޯޓު


މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭ ގޮތަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤަވާއިދުގައި އޮތް މާއްދާ ބާތިލް ނުކުރަން ހައި ކޯޓުން ނިންމި ނިންމުމަށް ތާޢީދުކޮށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކުލަވާލި ޤަވާއިދުގައި ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ޤާނޫނުގެ އުޞޫލު ހިނގާނެ ކަމަށް ބުނެފައިވުމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން އެދުނީ ޤަވާއިދުގައިވާ އެ މާއްދާ ޤާނޫނާ ޚިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގަ ހައި ކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުންކުރި ޙުކުމްގައި ވަނީ ދައުލަތުން އެހީ ލިބޭ ފަރާތްތަކުގެ މައްޗަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ އުޞޫލުތައް ހިނގާނެ ކަމަށް ބުނެފައިވުމުން އެކަން އިތުރަށް ތަފްޞީލުކުރުމަށް ޤަވާޢިދެއްގައި ހިމެނުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވާކަމަށެވެ. އެހެންކަމުން އެއީ ޤާނޫނާ ޚިލާފަށް ކޮށްފައިވާކަމެއްކަމަށް ނުބެލެވޭކަމަށް މި މައްސަލަ ބެއްލެވި 5 ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންނެވިއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭ ގޮތަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤަވާއިދުގައި އޮތް މާއްދާ ބާތިލް ނުކުރެވޭނެ ކަމަށް ޙުކުމް ކުރިނަމަވެސް ސަރުކާރުގެ އެކި ކުންފުނިތަކުގައި ސަރުކާރުގެ ކޮންޓްރޯލް އޮންނަ މިންވަރު ތަފާތުވުމުން، ކުންފުނިތަކަށް އެ މައްސަލައިގަ ބުނާ އުޞޫލު ހިނގާނެތޯ ބަލާނީ ސަރުކާރުގެ ކޮންޓްރޯލް ކުންފުންޏަށް އޮންނަ މިންވަރު ބަލައިގެންކަމަށް ޙުކުމްގައިވެއެވެ.

ސުޕްރީމް ކޯޓުގެ 5 ފަންޑިޔާރުންގެ ބެންޗަކުން ބެލި މިމައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރަޢުޔަށް ދެންތިއްބެވި ފަނޑިޔާރުން ތަޢީދުކުރައްވައި، ހައި ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ވަނީ ޙުކުމްކުރައްވާފައެވެ.

މީގެ އިތުރުން ސުޕްރީމް މިއަދުވަނީ މިފަދަ އެހެން މައްސަލައެއްގައިވެސް ޙުކުމް އިއްވާފައެވެ. އެއީ ބޭންކް އޮމް މޯލްޑިވްސް، ބީއެމްއެލްގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ތާޢީދުކުރި މައްސަލައެކެވެ. އެ މައްސަލަ ބީއެމްއެލްއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެ ބޭންކަކީ ދަޢުލަތުގެ އިދާރާއެއް ކަމަށް ނުބެލެވޭނެ ކަމަށް ބުނެއެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން ކުރީ އެ ބޭންކުގެ ބޯޑާއި އިސް މުވައްޒަފުންގެ މުސާރައިގެ މައުލޫމާތަކީ އެ ކުންފުނީގެ ވިޔަފާރީގެ ސިއްރުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އެ މައުލޫމާތަކީ ބައެއް ޒާތީ މައުލޫމާތެއް ކަމަށާއި އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ވުމުން އެ މީހުންގެ ހުއްދަ ނެތި އެ މައުލޫމާތު އާންމު ނުކުރެވޭނެ ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ.