ޚަބަރު

މިނިމުނު ދެހަފްތާއަށްވާ 2.1 މިލިޔަން ރުފިޔާ މަސްވެރިންނަށް ދީފި


  • މިއީ ޖުލައި 13 އިން 25 އަށް މަސްވެރިން ބޭނި މަހަށްވާ ފައިސާ

  • މިސަރުކާރުންވަނީ މަސްވެރިންނަށް މިހާތަނަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައި

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސްވެރިން ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް މިހާތަނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ދިވެހި ސަރުކާރުން ނުދައްކައި ހުރި ފައިސާ މިސަރުކާރުން ވަނީ ދައްކައި ޚަލާސްކޮށްފައެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް މަސްވެރިން ކިރުވާ މަހަށް އެންމެ ލަސްވެގެން 2 ހަފްތާގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސްވެރިން ކިރާފައިވާ 136 މެޓްރިކް ޓަނުގެ މަހަށްވާ ދެ މިލިއަން ސަތޭކަ ސާޅީސް ހަހާސް ތިންސަތޭކަ އެއް ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. މިއީ ޖުލައި 13 އިން 25 އަށް މަސްވެރިން ބޭނި މަހަށްވާ ފައިސާ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިސަރުކާރުންވަނީ މަސްވެރިންނަށް މިހާތަނަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

މިފްކޯއިން ވިދާޅުވީ، ސަރުކާރާއި މަސްވެރިކަމާއި ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު، މަސްވެރިން ބާނާ މަހަށް މިހާރު 2 ހަފްތާ ތެރޭގައި ފައިސާ ދޫކުރެވޭ ކަމަށެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދިއުމަށް މަސްވެރިކަމާއި ބެހޭ ވަޒީރު ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވާކަން ފާހަގަކޮށް އެކުންފުނިން ވަނީ ޝުކުރުއަދާކޮށްފައެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މިމަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގެއްގައިކަން އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ. މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް ޢިއުލާނުކުރާގޮތަށް ވަނީ ނިންމާފައެވެ.

މިފްކޯއިން ވިދާޅުވީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

ބައިނަލްއަޤްވާމީ ބާޒާރުގައި މަސް ވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ މިފްކޯއަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް އެކުންފުނިން ބުނެއެވެ.