ޚަބަރު

ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • 22 މީހުންނަކީ ހުޅުމާލޭގައި ވިޔަފާރިކުރަމުން ދިޔަ މީހުން

  • މިމީހުން ބެލުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭ ހިންގި އޮޕަރޭޝަނެއްގައި

  • 3 ފަންގިފިލާގެ އިމާރާތެއް ބަލައި ފާސްކުރިއިރު އެތަނުގައި ކާބޯތަކެތީގެ ވިޔަފާރިކުރޭ

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މިމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެގޮތުން ހުޅުމާލެއިން 3 ފަންގިފިލާގެ އިމާރާތެއް ބަލައި ފާސްކުރިއިރު ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އަދި އެތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮތް ތަނެއްކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. މިމައްސަލަ އިމިގްރޭޝަނުން ތަޙްޤީގު ކުރަމުންދާއިރު މިއީ މިހާތަނަށް ހުޅުމާލޭގައި ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަންކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ ބުރާސްފަތި ދުވަހުވެސް މާލޭގެ 4 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރަމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މިފަހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް 130އަށްވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށް ގެންގޮސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް އިމިގްރޭޝަނުން ވަނީ އިފްތިތާހުކޮށްފައެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

ސަރުކާރުގެ އަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަ ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލައަށް 3 އަހަރުތެރޭ ޖުމްލަ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.