ޚަބަރު

7 މަސްދުވަހުގެ ތެރޭގައި ގެސްޓްހައުސްތަކުން އިތުރު 900 އެނދު ފަތުރުވެރިކަމަށް


  • އޮޕަރޭޝަނަށް ގެނެސްފައިވާ ޖުމްލަ އެނދުގެ އަދަދަކީ 13657

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބާޒާރަށް ގެސްޓު ހައުސްތަކުން 900 އަށްވުރެ ގިނަ އެނދު ނެރެފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ފެށުނުއިރު ގެސްޓު ހައުސްތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ އެނދުގެ އަދަދު ހުރީ 13657 ގައެވެ. މިއީ 809 ގެސްޓް ހައުސްއަކުން އޮޕަރޭޝަނަށް ގެނެސްފައިވާ އެނދުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 867 ގެސްޓް ހައުސްއަކުން 14615 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެހެންކަމުން މިއީ އަހަރު ފެށުނުއިރު އެނދުގެ ނިސްބަތް ހުރި އަދަދާއި އަޅާބަލާއިރު 958 އެނދުގެ އިތުރުވުމެކެވެ.

ގެސްޓު ހައުސްތަކުން ގިނަ އަދަދެއްގެ އެނދު ފަތުރުވެރިކަމަށް ނެރެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ އެނދުގެ އަދަދު ވަނީ 62481 އަށް އިތުރުވެފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 42955 އެނދާއި ގެސްޓު ހައުސްތަކުގެ 14615 އެނދާއި ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2955 އެނދާއި ހޮޓާތަކުގެ 1956 އެނދުކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 174 ރިސޯޓު، 867 ގެސްޓުހައުސް، 152 ސަފާރީ، 14 ހޮޓާ ހިމެނޭހެން ޖުމްލަ 1207 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ޓޫރިޒަަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ބެޑު ކެޕޭސިޓީއަކީ 63845 އެނދެވެ.