ޚަބަރު

ޕްރީލިމިނަރީ ބުރުން ބަލިވި ނަމަވެސް ދީމާގެ ހިތްވަރަށް ސާބަސް


ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ ޓޭބަލް ޓެނިސް އިވެންޓުގް ޕްރިލިމިނަރީ ބުރުގައި ޕޮލަންޑުގެ ކަޓާޒައިނާ ވޭގަޖަން އަތުން ރާއްޖޭގެ ގައުމީ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ބަލިވެއްޖެއެވެ.

ދުނިޔޭގެ ރޭންކިންގެ 135 ވަނައިގައި އޮތް ކަޓާޒައިނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ދީމާ ވަނީ ހަތަރު ސެޓު ކުޅުނު މި މެޗުގެ އެންމެ ފަހު ސެޓުގައި މޮޅު ކުޅުމެއް ކުޅެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 11-05, 11-05, 11-02 އަދި 11-08 އިންނެވެ.

މެޗު ފަށައިގެން ކަޓާޒައިނާ ދެ ޕޮއިންޓުގެ ލީޑެއް ނެގިއެވެ. ނަމަވެސް ދީމާ ވަނީ ފަހަތުން އަރާ ހަމަކޮށްފައެވެ. ހަމަކުރި ނަމަވެސް ކަޓާޒީނާ ވަނީ އޭނާގެ ތަޖުރިބާގެ އަލީގައި މި ސެޓު 5-11 އިން ކާމިޔާބުކޮށްފައެވެ.

ދެވަނަ ސެޓުގައި ކަޓާޒީނާ ފެނުނީ ވަރުގަދަކޮށެވެ. މި ސެޓު ފަށައިގެން އޭނާ އަށް ޕޮއިންޓުގެ ލީޑެއް ހޯދިއެވެ. މި ސެޓުގެ ފަހުކޮޅު ކަޓާޒީނާއަށް ޕްރެޝަރުކޮށް ދީމާ ވަނީ ކައިރިކައިރިން ތިން ޕޮއިންޓު ހޯދާފައެވެ. މި ސެޓުވެސް ކަޓާޒީނާ ކާމިޔާބުކުރީ 11-05 އިންނެވެ.

ތިންވަނަ ސެޓު ފަށައިގެން ކަޓާޒީނާ ފަސް ޕޮއިންޓުގެ ލީޑެއް ނެގިއެވެ. މި ސެޓުގައި ދީމާއަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. މި ސެޓު އޭނާ ކާމިޔާބުކުރީ 2-11 އިންނެވެ.
ހަތަރު ވަނަ ސެޓު ފަށައިގެން ފުރަތަމަ ޕޮއިންޓް ހޯދީ ދީމާއެވެ. އެކަމަކު ކައިރިކައިރީގައި ދީމާގެ ފަރާތުން ބޮޑު ދެ ގޯސް ހެދި ކަޓާރްޒައިނާ ވަނީ 4-2 އިން ލީޑު ނަގާފައެވެ. މި ސެޓުގައި ދީމާ ވަނީ ކަޓާޒީނާއަށް ޕްރެޝަރުކޮށް ބޮޑު ލީޑެއް ނެގިޔަ ނުދީ ކުޅެފައެވެ. މި ސެޓު ކަޓާރްޒައިނާ ކާމިޔާބުކުރީ 11-08 އިންނެވެ.

އުމުރުން 16 އަހަރުގެ ދީމާއަކީ އޮލިމްޕިކްސްއަށް ކޮލިފައިވެގެން ޓީޓީން ރާއްޖެ ތަމްސީލުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. އޭނާ ކޮލިފައިވީ ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިންގެ ފައިނަލްގައި ސްރީ ލަންކާގެ ބިމަންދީ ބަންޑަރާއާ ވާދަކޮށްގެންނެވެ.

އޮލިމްޕިކްސްގައި ދެން އެންމެ އަވަހަށް ރާއްޖޭގެ އެތުލީޓަކަށް މެޗެއް އޮތީ މާދަމާ އެވެ. އިންޑިއާގެ ޕީވީ ސިންދު އާއި ރާއްޖޭގެ ފާތިމަތު ނަބާހާ މާދަމާ ބައްދަލުކުރާނެ އެވެ.