ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުވުމާ މެދު ބައިޑަނާއި ޢަބްދުالله ރަސްގެފާނު މަޝްވަރާ ކުރައްވައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އުރުދުންގެ ރަސްގެފާނު ޢަބްދުالله ބިން އަލް-ޙުސައިން ދެވަނައާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން މަޝްވަރާ ކުރައްވައިފިއެވެ. ޢަބްދުالله ރަސްގެފާނު ބައިޑަނާ މަޝްވަރާ ކުރައްވާފައި ވަނީ ފޯނުން ގުޅުއްވައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު, ވައިޓް ހައުސުން ބުނީ ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާނާ އެކު ނިކަމެތިކޮށްލައި, ހާލުގައި ޖައްސާފައިވާ ޣައްޒާގެ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމުގައެވެ. އަދި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމާއި, ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރައްވާފައިވާ ކަމުގައެވެ.

އުރުދުންގެ ޝާހީ ގަނޑުވަރުން ބުނީ, ޣައްޒާގެ ހާލަތު ވަަރަށް ނުރައްކާވެފައިވާ ކަމުގައި ޢަބްދުالله ރަސްގެފާނު ބައިޑަން އަރިހުގައި ފާހަގަ ކުރެއްވި ކަމުގައެވެ. އަދި, ފަލަސްޠީނަށް ސިޔާސީ ގޮތުން މިނިވަންކަން ހޯދައިދިނުމަށާއި, ސުލްޙަ ގާއިމުކޮށް, ފަލަސްޠީނާއި އިސްރާއީލުގެ މިނިވަން ދެ ދަޢުލަތް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިޑަން ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ކަން ރަސްގެފާނު ފާހަގަ ކުރެއްވި ކަމުގައެވެ.

ނަމަވެސް, ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ, އެމެރިކާއަކީ ޔަހޫދީންގެ އެންމެ ގާތް މަދަދުގާރުކަމެވެ. އަދި, އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކާ ނުލައި ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ކުރިއަށް ގެންދިޔުމަށް ހުރަސް އެޅޭނެ ކަމެވެ. ސުލްޙަ ގާއިމުކޮށް, ޢުދުވާންތައް ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަން ދެއްކުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާއިރު, ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް މެދުކެނޑުނަ ނުދޭން ވެސް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙަ ގާއިމު ކުރަން މިހާރު ފަށާފައިވާ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރު ގުޅިގެންނެވެ. އެ މަޝްވަރާތަކުގައި އެމެރިކާއިން ވެސް ދަނީ ނަމެއްގައި ބައިވެރިވަމުންނެވެ. މި ގޮތުން, އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި ބާއްވަން ތައްޔާރުވަމުންދާ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިޔަމް ބަރންސް ވަނީ އިޓަލީވިލާތަށް ވަޑައިގަންނަވާފައެވެ.

ރޯމްގައި ކުރިއަށްދާ ބައްދަލުވުންތަކުގައި ބަރންސް ޔަހޫދީންގެ އިތުރުން މިޞްރާއި ޤަޠަރުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާނެއެވެ. އޭގެ ތެރޭގައި ޤަޠަރުގެ އަމީރު އަދި ބޮޑުވަޒީރު ވެސް ހިމެނެއެވެ. ނަން ހާމަ ކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލަކު ބުނީ, ޖުލައި 28 ވަނަ ދުވަހު ޤަޠަރުގެ އަމީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޘާނީއާ ބަރންސް ބައްދަލު ކުރައްވާނެ ކަމުގައެވެ. ނަމަވެސް, އެމެރިކާގެ ޖާސޫސީ އިދާރާއިން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 39,175އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 90,403އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.