ކުޅިވަރު

ކެނެޑާ އިން ޑްރޯން ބޭނުންކޮށްގެން ޖާސޫސްކޮށްފައިވާ ކަމަށް ގަބޫލެއް ނުކުރަން: ހާޑްމަން


ކެނެޑާގެ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު ޖޯން ހާޑްމަން ބުނީ، ޓީމު ކެނެޑާގެ މުވައްޒަފުން ވާދަވެރި ޓީމަކަށް ޖާސޫސްކުރުމުގެ ގޮތުން ފަރިތަކުރުންތައް ބެލުމަށް ޑްރޯން ބޭނުންކުރި ކަމުގެ ޚަބަރަކީ "ހައިރާންވާ އަދި ސިހުން" ގެނެސްދިން ކަމެއް ކަމަށެވެ. އަދި އޭނާގެ ކޯޗުކަމުގައި މިފަދަ ކަމެއް ހިނގާފައި ނުވާނެ ކަމަށް "ވަރަށް ބޮޑަށް ޔަޤީން" އެބައޮތް ކަމަށް ވެސް ހާޑްމަން ބުންޏެވެ.

ހާޑްމަން މިހެން ބުނެފައިމިވަނީ، ދާދިފަހުން ކެނެޑާގެ އޮލިމްޕިކް ކޮމިޓީ (ސީއޯސީ) އިން ނެރުނު ބަޔާނެއްގައި، ކެނެޑާ ސޮކަރގެ ސީއީއޯ އަދި ޖެނެރަލް ސެކްރެޓަރީ، ކެވިން ބްލޫ، "ޕެރިސް 2024 އޮލިމްޕިކް ގޭމްސްގެ ކުރިން ވެސް ވާދަވެރިންނާ ދެކޮޅަށް ޑްރޯން ބޭނުންކުރިކަމުގެ އިތުރު މަޢުލޫމާތު ލިބިފައިވާ" ކަމަށް ބުނެފައިވަނިކޮށެވެ.

ހާޑްމަން ބުނީ، ޑްރޯން ބޭނުންކޮށްގެން ޖާސޫސް ކުރިކަމުގެ ތުހުމަތުތަކާ ގުޅިގެން ކެނެޑާގެ ފުޓްބޯޅައިން ކުރިއަށްގެންދާ އެތެރޭގެ ތަހުގީގުގައި އޭނާގެ ފަރާތުން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އަދި މި ތުހުމަތުތަކާ ގުޅިގެން، އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމުގެ މިހާރުގެ މެނޭޖަރު، ބެވަލީ ޕްރީސްޓްމަން ސަސްޕެންޑްކޮށްފައިވުމުން އޮލިމްޕިކް ގޭމްސްގެ ގޯލްޑް ދިފާއުކުރަން ނިކުމެ، ކެނެޑާ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ވެސް ހާޑްމަން ބުންޏެވެ.

ނަމަވެސް ހާޑްމަން ވަނީ، 2011 އިން 2023 އަށް ކެނެޑާގެ ގައުމީ ޓީމުތައް މެނޭޖްކުރުމުގައި އޭނާގެ ތަޖުރިބާތަކާ ބެހޭ އިތުރު ތަފްސީލުތައް ހިއްސާކުރުމަށް އިންކާރުކޮށްފައެވެ.

"އަހަރެންގެ އިރުޝާދުގެ ދަށުން ކެނެޑާ އިން ވޯލްޑް ކަޕާއި، އޮލިމްޕިކްސްގައި ވާދަކުރިއިރު އެފަދަ ކަމެއް ކޮށްފައިނުވާކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް." ހާޑްމަން ބުންޏެވެ.

ހާޑްމަން ވަނީ، 2012 ގެ ލަންޑަން އޮލިމްޕިކްސް އާއި 2016 ގެ ރިއޯ ގޭމްސް ގައި އަދި 2015 ގެ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގައި ކެނެޑާގެ އަންހެނުންގެ ޓީމަށް އިރުޝާދުދީފައެވެ.. އޭނާ ވަނީ 2022 ގައި ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕްގައި ފިރިހެނުންގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ހާޑްމަން އިތުރަށް ބުނީ، އޭނާ އަބަދުވެސް އޮލިމްޕިކް ގޭމްސް އާއި ވޯލްޑް ކަޕް އަދި އެފަދަ ބޮޑެތި މުބާރާތްތަކަށް ދަނީ އިންސާފުވެރިކަމާއި، އިހުލާސްތެރިކަމާއެކު އެންމެ މަތީ ފެންވަރުގައި ވާދަކުރުމަށް ގަވާއިދުތަކާއި އުސޫލުތަކެއް ތަބާވެގެން ކަމަށެވެ. އެހެންކަމުން، ކެނެޑާގެ ފުޓްބޯޅަ އެސޯސިއޭޝަނުގައި ގެންދާ ތަހުގީގުގައި އޭނާގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ހާޑްމަން ބުންޏެވެ.

ޑްރޯން ބޭނުންކޮށްގެން ޖާސޫސްކުރިކަމުގެ ތުހުމަތުތަކާ ގުޅޭގޮތުން، ސީއޯސީގެ ސީއީއޯ، ޑޭވިޑް ޝޫމޭކަރ، ހުކުރު ދުވަހު ބުނެފައިވަނީ، ކެނެޑާގެ ހެޑް ކޯޗު، ޕްރީސްޓްމަން އަށް ފްރާންސްގައި ވާދަވެރިންގެ ފަރިތަކުރުންތައް ޖާސޫސްކުރުމަށް ޑްރޯންތައް ބޭނުންކުރިކަން އެނގިފައި އޮތް ކަމަށް ބެލެވޭ ކަމަށެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ މިފަދަ ޖާސޫސްކުރުމުގެ ހަރަކާތްތައް އަހަރުތަކެއް ވަންދެން ކެނެޑާގެ އަންހެން ފުޓްބޯޅަ ޓީމުން ހިންގަމުން އައިސްފައިވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން، އަމިއްލަ ތަހުގީގެއް ފަށައިފައެވެ.