ޚަބަރު

ރަޝްފޯޑްގެ އެންމެ ރަނގަޅު ފޯމަށް އަނބުރާ އަންނާނެކަމުގެ "100 ޕަސެންޓް ޔަގީންކަން" އެބައޮތް: ޓެން ހާގް


  • []

އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން، މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ ސީޒަނުގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑް ހުރީ ފޯމަށް އަނބުރާ އަންނާނެކަމުގެ "100 ޕަސެންޓް" ޔަގީންކަން އެބައޮތް ކަމަށް ބުނެފިއެވެ.

ޓެން ހާގް މިހެން ބުނީ، އެމެރިކާގެ ކެލިފޯނިއާގެ ޔޫސީއެލްއޭ ކެމްފަހުގައި ބޭއްވި އެ ޓީމުގެ ފަރިތަކުރުންތަކަށްފަހު ވާހަކަ ދައްކަމުންނެވެ.

ޔުނައިޓެޑާއެކު ޓެން ހާގް ހޭދަކުރީ ފުރަތަމަ ސީޒަނުގައި ރަޝްފޯޑް، 26، ވަނީ ހުރިހާ މުބާރާތެއްގައި 30 ލަނޑުޖަހައިފައެވެ. ނަމަވެސް، އެއަށްފަހު ޖެހިގެންއައި ސީޒަނުގައި އުނދަގޫތައް ކުރިމަތިވިއިރު، ކާމިޔާބުކުރެވުނީ އެންމެ އަށް ގޯލެވެ. އަދި މި އަހަރުގެ ކުރީކޮޅު، ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ، ބެލްފާސްޓްގައި ހުރި ނައިޓްކްލަބަކަށް ދިއުމުން އޭނާ އަށް ވަނީ ފިޔަވަޅު އަޅައިފައެވެ.

ޓެން ހާގް ބުނީ، ދާދިފަހުން ޔުނައިޓެޑްގެ ކޯޗިންގ ސްޓާފެއްގެ ގޮތުގައި ގުޅުނު އެ ކްލަބުގެ ކުރީގެ ލެޖެންޑް، ރޫޑް ވެން ނިސްޓެލްރޫއީ އާއެކު އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ނުހަނު ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. ނިސްޓެލްރޫއީ ވަނީ ޔުނައިޓެޑަށް ކުޅެދިން 219 މެޗުގައި 150 ލަނޑުޖަހައިދީފައެވެ.

ޓެން ހާގް ވަނީ، ރަޝްފޯޑް އެނބުރި ކުރީގެ ފޯމަށް ދިއުމަށްޓަކައި ހިތްވަރު ހޯދައި، އެމަގާމަށް ދެވޭނީ އަމިއްލަ އަކަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ބުނެފައެވެ.

ޓެން ހާގް ބުނީ، ނިސްޓެލްރޫއީ އެ ކްލަބަށް ގެނައީ ފޯވާޑްލައިންގައި ހިމެނޭ ކުޅުންތެރިންނަށް އެހީތެރިވެދިނުމުގެ މަގްސަދުގައި ކަމަށެވެ. އެކަމަކު، އެއަށްވުރެ އޭނާގެ ދައުރު ބޮޑުވާނެ ކަމަށާއި، ރަޝްފޯޑަށް ހަމައެކަނި ކުރެވޭނެ ކަމަކީ އޭނާގެ ގާބިލްކަން ސާބިތުކޮށްދިނުން ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

"ރޫޑް އައި ސަބަބު ވަރަށް ސާފު، އޭނާ އަށް ސްޓްރައިކަރުން އެހީތެރިވެވޭނެ. އެކަމަކު އޭނާގެ ދައުރު އެއަށްވުރެ ބޮޑުވާނެ." ޓެން ހާގް ބުންޏެވެ.

ޓެން ހާގް ބުނީ، ވަރަށް ހަގު އުމުރުގައި ރަޝްފޯޑް ވަނީ ގިނަ ގޯލްތަކެއްޖަހައި، އޭނާގެ ގާބިލްކަން ދައްކުވައިދީފައި ކަމަށާއި، އޭނާ އަށް އަދިވެސް އެކަން ކުރެވޭނެ ކަމަށެވެ. ކުރިއެކޭ އެއްފަދައިން އެކަން ކުރެވޭނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފައެވެ.

ރަޝްފޯޑް ވަނީ މިހާތަނަށް ޔުނައިޓެޑްގެ ޖާޒީގައި ކުޅުނު 402 މެޗުގައި 131 ލަނޑުޖަހައިފައެވެ.

ޓެން ހާގް އިތުރަށް ބުނީ، މިދިޔަ ސީޒަނަށް ޗެލްސީން އެ ޓީމާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު، މޭސަން މައުންޓްގެ ފަރާތުން ރަނގަޅު ކުޅުމެއް ކުރިއަށް އޮތް ސީޒަނުގައި ފެންނާނެ ކަމަށެވެ. ނިމިދިޔަ ސީޒަނުގައި އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ، އޭނާ ކުޅުނީ އެންމެ 20 މެޗެވެ.

މިދިޔަ ސީޒަނުގައި މައުންޓްގެ ފަރާތުން ކުޅުމާ މެދު އެއްޗެއް ނުބުނެވޭނެ ކަމަށާއި، އެއީ އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފައިވުމުން ކަމަށެވެ. އެކަމަކު، ފިޓްކޮށް ހުރެއްޖެނަމަ މައުންޓް އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، ގިނަ މަގާމުތަކުގައި އޭނާގެ ބޭނުންކުރެވޭނެ ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފައެވެ.

އަދި، ޓީމަކަށް ތަފާތު އެކި ގިނަ މަގާމުތަކަށް ކުޅެވޭ ކުޅުންތެރިން ތިބުމުގެ މުހިއްމުކަން ފާހަގަކޮށް، ޓެން ހާގް ބުނީ، އެގޮތަށް ބަލާނަމަ މައުންޓް އަކީ އެފަދަ ކުޅުންތެރިއެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ކިބައިން ޓީމަށް ނުހަނު ގިނަ ފައިދާތައް ކުރާނެ ކަމަށް ވެސް ޓެން ހާގް ފާހަގަކުރިއެވެ.

ޓެން ހާގްގެ ވާހަކަތައް ނިންމާލަމުން ބުނީ، ޔުނައިޓެޑްގެ ހުރިހާ ކުޅުންތެރިން ވެސް ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނައިރު، އައު ހިތްވަރާއެކު އެނބުރިއައިސްފައިވާ ކަމުގެ އިހުސާސްތަކެއް ކުރެވިގެންދާ ކަމަށާއި، އަދި އޭނާގެ މަގާމާ ގުޅޭގޮތުން އުފެދުނު ސުވާލުތަކާއި ޝައްކުތައް ހައްލުކޮށްދެވިފައިވާ ކަމަށެވެ.

މީގެއިތުރުން، ކުރިއަށް އޮތް ސީޒަނަށް ނިކުންނައިރު އޭނާގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެ، އެއް ރޫޙެއްގައި ކުޅެ ބުރަ މަސައްކަތްތަކެއްކޮށް، ކާމިޔާބީ ހާސިލްކުރަން އަޒުމް ކަނޑައަޅައިގެން ކަމަށް ވެސް ޓެން ހާގް ބުންޏެވެ.