ޚަބަރު

ޕެރިސް އޮލިމްޕިކްސް: ވާރެ އާއެކު ވެސް ކުލަގަދަކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފި


މިފަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ފްރާންސްގެ ޕެރިހުގައި ރޭ ބޭއްވިގެންދިޔައިރު، ގަޑިއިރުތަކަކަށް ވާރޭވެހުނު ނަމަވެސް، އެ ރަސްމިއްޔާތުގައި ގެނެސްދިން މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއެކު މީހުންނާއި މުޅި ދުނިޔެ ވަނީ އަންތަރީސްކޮށްލައިފައެވެ.

މި ރަސްމިއްޔާތު ފެށުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް، ޕެރިހާ ތަންކޮޅެއް ދުރު ހިސާބެއްގައި ފްރާންސްގެ ހައި-ސްޕީޑް ޓީޖީވީ ރޭލް ނެޓްވޯކަށް އަމާޒުކޮށްދިން ހަމަލާތަކުގެ ސަބަބުން ސަލާމަތީގޮތުން އޮތް ކަންބޮޑުވުންތަކާއި، ކުރިމަތިވީ އުނދަގޫތަކުން އަރައިގަނެ، ފުރިހަމަކޮށް ގެނެސްދިނުމަށް އެ ގައުމުން ވަނީ އެކަންތައް ހައްލުކޮށްފައެވެ.

އޮލިމްޕިކްސްގެ ދިގު މާޒީގައި ވެސް ފުރަތަމަ ފަހަރަށް މެއިން ސްޓޭޑިއަމުން ބޭރުގައި ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވިގެންދިޔައިރު، މޫސުމުގެ ސަބަބުން ބައެއް ކަންކަމުގައި ކޮންމެވެސް ވަރަކަށް އުނދަގޫތައް ކުރިމަތިވިއެވެ.

މި ރަސްމިއްޔާތަށް ތައްޔާރުވުމަށް އަހަރުތަކެއް ވަންދެން ބުރަ މަސައްކަތްތަކެއްކޮށް، ފުރަތަމަ ފަހަރަށް ޕެރިހުގެ މެދުތެރެއިން ދެމިގެންދާ ސެއިން ކޯރުގައި ހުރިހާ ހަރަކާތްތަކެއް ބޭއްވުމަށް އަމާޒުކުރެވުނެވެ.

ރޭގެ މި ރަސްމިއްޔާތުގައި ކޭން-ކޭން ޑާންސަރުންނާއެކު ފްރާންސްގެ ތާރީޚަށް ދިން ޓްރިބިއުޓްއާއެކު ފެނިގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި، އެކްރޮބެޓިކްސް އާއެކު ޑްރެގް، ޖެޓް ފްލައިއޯވަރ އަދި ރެޕް ހިމެނުނެވެ. މަޝްހޫރު ލަވަ ކިޔުންތެރިން ކަމަށްވާ، ލޭޑީ ގާގާ އަދި ސެލީން ޑިއޯންގެ ޕަފޯމަންސްތަކަކީ މި ރަސްމިއްޔާތުގެ އުސްއަލިތަކުގެ ތެރޭގައި ހިމެނޭ އެއްބައެވެ.

އެގޮތުން، މި ގޭމްސްގައި ބައިވެރިވާ ގައުމުތަކުގެ އެތުލީޓުންގެ ވަފުދުތައް ކޯރުގެ ހަތަރު މޭލާ ގާތްކުރާ ދިގުމިނުގެ މަގެއްގައި ބާޖުތަކާއި މޯޓަރ ބޯޓުތަކުގައި (ކުދި ޓީމުތަކުން) ދަތުރުކުރިއެވެ. ވާރޭ ވެހެމުންދިޔައިރު، މި މަންޒަރުތައް ބެލުމަށް ގިނަ އަދަދެއްގެ މީހުން ކުޑަނަގައިގެން ފާލަންތަކުންނާއި ކޯރު އައްސޭރިތަކުގައި ތިއްބެވެ.

މި ރަސްމިއްޔާތުގައި ގެނެސްދިން އެކި ހަރަކާތްތަކުގައި، ޕްރޮޑިއުސަރުން މަސައްކަތްކޮށްފައިވަނީ ޒަމާނީ އެހެނަސް، ފްރާންސްގެ ތަޞައްވުރެއް ދެއްކުމަށެވެ. ރަސްމިއްޔާތުގައި ޕާފޯމްކުރި އާޓިސްޓުންގެ ތެރޭގައި، މާލީ އަށް އުފަން ލަވަކިޔުންތެރިޔާ، އާޔާ ނަކަމުރާ ހިމެނެއެވެ.

އެއަށްފަހު، ދެން ފެނިގެންދިޔައީ އައިފަލް ޓަވަރުގައި ކުރިއަށްދިޔަ ހަރަކާތްތަކެވެ. ލޭޒާ އާއި ސްޓްރޯބް އިފެކްޓްތަކުން އައިފަލް ޓަވަރު އަދި ޓްރޮކަޑޭރޯ ދިއްލާލެވުނެވެ. ޓްރޮކަޑޭރޯ އަކީ، އައިފަލް ޓަވަރާ ދިމާލުގައި ސެއިން ކޯރުގެ އަނެއް ފަރާތުގައިވާ ފެހި ސަރަޙައްދެކެވެ.

ދެން، އޮލިމްޕިކްސްގެ ދަންމަރު ޓްރޮކަޑޭރޯއަށް ގެންދެވުނީ ސެއިން ކޯރުގައި ދުއްވަމުންދިޔަ އުޅަނދެއްގައި ތިބި ފާހަގަކޮށްލެވޭ އެތުލީޓުން ބައިވެރިވި ރިލޭއަކުންނެވެ. އެއަށްފަހު އެމީހުން ދަތުރުކުރީ ލޫވްރުގެ ބިތްލޫރި ޕިރަމިޑް ކައިރިންނެވެ.

އޭގެފަހުން، ފްރާންސްގެ ރައީސް، އެމެނުއެލް މެކްރޯން ވަނީ ރަސްމީކޮށް އޮލިމްޕިކް ކުޅިވަރުތައް ފެށުނުކަން އިޢުލާނުކުރައްވާފައެވެ. އެއަށްފަހު، އޮލިމްޕިކްސްގެ ދަންމަރުން ވަނީ ހޮޓް އެއަރ ބެލޫނެއް އެޅިފައިވާ ކޯލްޑްރަން އަލިކޮށްދީފައެވެ. މިއާއެކު އެ ބެލޫނު މައްޗަށް ދިޔައެވެ. މީގެއިން ދައްކުވައިދެނީ، ފްރާންސުން ސައިންސްގެ ދާއިރާއިން ހާސިލްކޮށްފައިވާ ކާމިޔާބީތަކެވެ.

ދެން އޭގެފަހުން، ފެނިގެންދިޔައީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ސެލީން ޑިއޯންގެ ފަރާތުން ހިތްގައިމު ލަވައެކެވެ. ސެލީން ޑިއޯން އަށް ކުރިމަތިވީ ނިއުރޮލޮޖިކަލް ބައްޔެއްގެ ސަބަބުން މިދިޔަ ހަތަރު އަހަރު ދުވަހު ޕާފޯމްކޮށްފައިނުވީނަމަވެސް، އެޑިތް ޕިއާފްގެ ލަވައެއް އައިފަލް ޓަވަރުގައި ކިޔައިދީ އޭނާ ވަނީ އެންމެންނަށް އުފާވެރިކަން ގެނެސްދީފައެވެ.

ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، އެންމެ ފަހުން ފެނިގެންދިޔައީ އެކި ގައުމުތަކުގެ އެތުލީޓުންގެ ވަފުދުތައް ސެއިން ކޯރުގެ އެއްކޮޅުން އަނެއް ކޮޅަށް ދަތުރުކުރި މަންޒަރެވެ. މިގޮތުން، އިނގިރޭސި އަލްފަބެޓިކަލް ތަރުތީބުން ބައިވެރިވީ ހުރިހާ ގައުމުތަކުން ނޮޓްރެ ޑާމް ކެތީޑްރަލް އަދި ލޫވްރު ފަހަނައަޅައި އައިފަލް ޓަވަރާ ދިމާއަށް ދަތުރުކުރިއެވެ.

އެގޮތުން، އެންމެ ކުރީގައި ދަތުރުކުރީ ގްރީސްގެ ފެޑެރޭޝަންގެ އުޅަނދެވެ. އޭގެ ފަހަތުން އޮލިމްޕިކް ރެފިއުޖީ ޓީމު، ދެން އެހެން ޤައުމުތަކުގެ އުޅަނދުފަހަރު ދަތުރުކުރުމަށްފަހު، އެންމެ ފަހަތުން ދަތުރުކުރާނީ ފްރާންސްގެ އެތުލީޓުން ތިބި އުޅަނދެވެ.

މި ރަސްމިއްޔާތުގައި، ދިވެހި ރާއްޖޭގެ ފަރާތުން ވާދަކުރާ އެތުލީޓުން ބޯޓުގައި ދަތުރުކުރި މަންޒަރު ވެސް ވަނީ ގިނަ ބަޔަކު ޓީވީ އިން ބަލައިފައެވެ. މި ގޭމްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ ފަސް އެތުލީޓުންނަކީ، ފާތިމަތު ދީމާ އަލީ، އިބާދުﷲ އާދަމް، ފާތިމަތު ނަބާހާގެ އިތުރުން މުހައްމަދު އާން ހުސައިން އަދި ޢާއިޝަތު އުލްޔާ ޝާއިގް އެވެ.