ޚަބަރު

މަދަނީ މީހުންނާއެކު ޑޯނިޔާގައި ބަލި މީހުން އުފުލަން ފަށައިފި


  • މަދަނީ މީހުންނާއެކު ފުރަތަމަ ދަތުރުކުރީ މިދިޔަ ބުރާސްފަތި ދުވަހު

  • ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވަނީ ފޮނުވާލާފައި

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރުގެ ދަތުރުތައް އަލުން ފަށައިފިއެވެ.

ދިވެހި ސިފައިގެން ޚިދުމަތުން ވިދާޅުވީ ސިވިލް ކްރޫއިންނާއެކު ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުންކޮށްގެން ޞިއްޙީ އަވަސްފަރުވާ ދިނުމަށްޓަކައި ބަލިމީހުން އުފުލުމުގެ ޚިދުމަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި ބަލި މީހަކު އުފުލީ ހދ. ހަނިމާދޫން މާލެއަށް ކަމަށް ރޭ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ބޭނުންކުރުން ހުއްޓާލީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއެކު މަސައްކަތް ފެއްޓެވި ހިސާބުންނެވެ. އަދި މިދިޔަ މުއްދަތުގައި ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ބަލި މީހުން އުފުލަމުން އައީ ސަރުކާރުން ތައާރަފުކުރި އެއަރ އެމްބިއުލާންސާއި ކަނޑަށް ޖައްސާ މަތިންދާބޯޓުގައެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން މިދިޔަ މެއި މަހުގެ 10ގައި ފޮނުވާލާ އެ މީހުންގެ ބަދަލުގައި ސިވިލިއަނުން ގެނައީ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވުމަށެވެ.