ޚަބަރު

އެސްޓީއޯ ހޮޓެލް އިމާރާތް ސަރުކާރަށް ނަގައި، އެތަނުގެ ބައެއް ފަންގިފިލާތައް މީޑިއާ ވިލެޖަށް


  • މި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިމިގެންދާނެ

  • އެ އިމާރާއްތް މިހާރުވަނީ ސަރުކާރަށް ނަގާފައި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އެސް.ޓީ.އޯއިން ހުޅުމާލޭގައި ހަދާފައިވާ ހޮޓެލް އިމާރާތުގެ ބައެއް ފަންގިފިލާތައް މީޑިއާ ވިލެޖަށް ޚާއްސަ ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ނިންމާފައިވާކަން ހާމަކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެސް.ޓީ.އޯއިން ހުޅުމާލޭގައި ހަދަން ފަށިނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ އިމާރާތަކީ 5 ތަރީގެ ހޮޓަލެއްގޮތަށް ތަރައްޤީކުރަން ފެށި އިމާރާތެކެވެ. އެތަން ހުންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ.

މި ހޮޓަލަކީ ރެޑިސަން ބްލޫއާއެކު އެސް.ޓީ.އޯއިން ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ތަރައްޤީކުރަމުންދިޔަ ހޮޓަލެކެވެ.

މި އިމާރާތް މިހާރު ސަރުކާރަށް ނަގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އެތަނުގެ ބައެއް ފަންގިފިލާތައް މީޑިއާ ވިލެޖަށް ޚާއްސަކޮށްފައިވާއިރު ހަމަޖެހޭ އުސޫލަކުން މީޑިއާތަކަށް ވަރަށް ކުޑަ އަގެއްގައި އޮފީސް ހިންގަން އެއިމާރާތުން ޖާގަ ދޫކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފެންވަރު ރަނގަޅު އެކި ސައިޒްތަކުގެ ސްޓޫޑިއޯތައް އެތާނގައި ހަދާނެ. ޓީވީ ސްޓޭޝަންތަކަށް ބޭނުންވާ ޕްރޮޑަކްޝަން ފެސިލިޓީ ފޯރުކޮށްދޭނަން. މީޑިއާތަކަށް ދުވަހަކު ނުލިބޭ ފަދަ ރަނުގެ ފުރުސަތުތައް އެތަނުން ފޯރުކޮށްދޭނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ މީޑިއާ ވިލެޖް ގާއިމުކުރުމާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުން ފަދަ ހުރިހާކަމެއްވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.