ޚަބަރު

ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރާ މެދު ސުވާލު އުފެއްދުން އިނގިރޭސިވިލާތުން ހުއްޓައިލައިފި


ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަށް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު, އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ން މަސައްކަތް ކުރުމަކީ އެ ކޯޓުގެ އިހުތިސާސްގެ ތެރެއިން ކުރެވޭނެ ކަމެއްތޯ ސުވާލު އުފައްދައި އިނގިރޭސިވިލާތުން ހުށަހެޅި މައްސަލަ ބާޠިލު ކުރަން އެ ޤައުމުން ނިންމައިފިއެވެ. ނިރުބަވެރި ނަތަންޔާހޫގެ އިތުރުން އޭނާގެ ދިފާޢީ ވަޒީރު ޔޮއަވް ގަލާންތް ހައްޔަރު ކުރުމުގެ އަމުރެއް ނެރުމުގެ މަސައްކަތް އައިސީސީން ފަށާފައި ވަނީ މޭ މަހުގެ ތެރޭގައެވެ.

ޔަަހޫދީންގެ މަދަދުގާރުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އިނގިރޭސިވިލާތުން ވަނީ އައިސީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް, އެ ކޯޓުގެ އިސް ޕްރޮސިކިޔުޓަރ ކަރީމް ޚާނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި, އިސްރާއީލުގެ ރައްޔިތަކު ހައްޔަރު ކުރުމަށް އަމުރެއް ނެރުމުގެ ބާރު އައިސީސީއަށް ލިބިފައިވޭތޯ ސުވާލު އުފައްދައި, އެ ކަމާ ދެކޮޅަށް ވަކާލާތު ކުރުމުގެ ފުރުޞަތަކަށް އެދި އައިސީސީއަށް ހުށަހަޅާފައި ވަނީ ނިމިދިޔަ ކޮންޒަރވެޓިވް ޕާޓީގެ ސަރުކާރުންނެވެ.

ނަމަވެސް, އައިސީސީގެ މެންބަރު ޤައުމެއް ކަމުގައިވާ އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުން ވަނީ, އެ ހުށަހެޅުން ބާޠިލު ކުރަން ނިންމާފައެވެ. ސްޓާމަރގެ ތަރުޖަމާނު ވިދާޅުވީ މި ކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ އައިސީސީއަށް ކަމުގައި ލޭބަރ ޕާޓީގެ ސަރުކާރުން ގަބޫލު ކުރާ ކަމުގައެވެ. "ބައިނަލްއަޤުވާމީ އަދި ދާޚިލީ މައިދާނުގައި ވެސް, ޤާނޫނުގެ ބާރުވެރި ކަން ޙިމާޔަތްކޮށް ކުރިއެރުވުމަށާއި, ބާރުތައް ވަކި ކުރުމަށް މި ސަރުކާރުން ތާޢީދުކުރޭ،" ސްޓާމަރގެ ތަރުޖަމާނު ވިދާޅުވިއެވެ.

މިއީ, ފަހަތަށް އަޅާފައިވާ ދަށު ދަރަޖައިގެ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށް އިނގިރޭސިވިލާތުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ޔަހޫދީންގެ ޖަމާޢަތްތަކުން ވަނީ ސްޓާމަރގެ ސަރުކާރަށް ފާޑުކިޔާފައެވެ. އެ ޖަމާޢަތްތަކުން ބުނީ, މި ނިންމުމާ އެކު, ޔަހޫދީންގެ މަދަދުގާރެއްގެ ގޮތުގައި އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތުން ދެމިއޮންނާނެ ކަމާ މެދު ސުވާލު އުފެދިގެން ގޮސްފައިވާ ކަމުގައެވެ.

ކޮންޒަރވެޓިވް ޕާޓީގެ 14 އަހަރުގެ ވެރިކަމުގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ދެކޮޅަށް އެތަކެއް ފަހަރަކު އަޑު އުފުލާފައިވެއެވެ. ނަމަވެސް, ވިލާތުގެ ޤައުމުތަކުގެ ވެރިންނާ އެކު ދާދިފަހުން ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ލޭބަރގެ ބޮޑުވަޒީރު ސްޓާމަރ ވަނީ އޭނާގެ ސަރުކާރުން ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިމާރު ކުރާނެ ކަން ހާމަ ކުރައްވާފައެވެ.

އައިސީސީއަކީ ހަނގުރާމައިގެ ކުށްތަކާއި, އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި, ގަތުލުއާންމުތަކުގެ މައްސަލަތައް ބަލާ ދުނިޔޭގެ އެންމެ މަތީ ކޯޓެވެ. އައިސީސީ އުފެއްދުމަށް އެކުލަވައިލި ރޯމް ސްޓޭޓިޔުޓް ތަސްދީޤު ކޮށްފައި ވަނީ 1998ވަނަ އަހަރުގައެވެ. ނަމަވެސް, އެ ކޯޓު އުފެދިގެން އައީ 2002ވަނަ އަހަރުގެ ޖުލައި މަހުގެ 1ވަނަ ދުވަހު, ކޯޓު އުފެއްދުމަށް ބޭނުންވާ 60 ޤައުމުގެ ސޮއި ހަމަވުމުންނެވެ. އދގެ ޢާންމު މަޖިލީހުން ވެސް ވަނީ އައިސީސީއަށް ރުހުން ދީފައެވެ. ނަމަވެސް, އެއީ މިނިވަން, މުސްތަޤިއްލު ކޯޓެކެވެ.

އައިސީސީގެ ނިންމުންތަކާއި ކޯޓު އަމުރުތައް ތަންފީޒު ކުރުމަށް ފުލުހުންގެ އިދާރާއެއް ގާއިމުކޮށްފައި ނެތް ނަމަވެސް, އައިސީސީގެ މެންބަރު ޤައުމުތަކުގެ މައްޗަށް އެ ކޯޓުގެ ނިންމުންތަކާއި އަމުރުތައް ތަންފީޒު ކުރުން ލާޒިމު ކުރެއެވެ. ނަމަވެސް, އެ ކޯޓުގެ އަމުރުތައް އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ތަންފީޒު ކުރެވެމުން ނުދާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.