ޚަބަރު

ތިލަފުށީގައި ކުނި ނައްތާލާ ބޮޑު މެޝިނެއް ބަހައްޓަނީ


މާލެއިން އެކަނިވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް، 60 ޓަނުގެ ކުނި އުފައްދައެވެ. މީގެތެރެއިން 90 އިންސައްތަ ކުންޏަކީ، ތިލަފުއްޓަށް ގެންގޮސް، އަންދާލެވޭ ކުންޏެވެ. ނަމަވެސް ކުނި އަންދަމުން ދިއުމަކީ، ތިމާވެއްޓަށާއި، އާންމު ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމެކެވެ. މިދުވަސްވަރަށް ބެލިނަމަވެސް، ވައިޖެހޭ މިސްރާބަށް ބަލާނަމަ، ތިލަފުށީގެ ކުނިގޮނޑުން އަރާ ދުމުގެ އަސަރު ވިލިމާލެއާއި، މާލެއަށް ބައެއް ދުވަސްތަކުގައި ކުރަމުންދާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. 

ތިމާވެއްޓާބެހޭ ވަޒީރު، ތާރިޤް އިބްރާހީމް ވިދާޅުވީ، ތިލަފުށީ ކުނި މެނޭޖްކުރާ ސެންޓަރާއެކު، މާލޭގެ ކުނި ކަލެކްޝަން ނިޒާމަށް ބަދަލުގެންނަވަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ތިލަފުށީގައި، ކުނި ނައްތާލާ މެޝިނެއް ބެހެއްޓުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. 

ކުނި ނައްތާލާ މެޝިން، ނުވަތަ އިންސިނެރޭޓަރ ބެހެއްޓެވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހަދަމުންދާ، އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް އަންނަ ޖުލައިމަހުގެ ނިޔަލަށް ނިމިގެންދާއިރު، މާލެއިން ކުނި ޖަމާކުރުމުގެ ނިޒާމުވެސް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓަރ ތާރިޤް ފާހަގަކުރެއްވިއެވެ. މާލޭގައި އުފެދޭ ކުނި މެނޭޖްކުރަމުންދަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ. 

ކުނި މެނޭޖްކުރުމުގެ ޕްލޭންތައް ތަންފީޒުވެގެންދާއިރު، މާލޭގެ މަގުތަކުން ފެންނަ ކުނީގެ ނިސްބަތް މަދުވެ، ތިލަފުށިން އަރާ ދުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެންވަޔަރމަންޓް މިނިސްޓްރީން ގެންދަވަނީ މިކަމާގުޅޭ ދިރާސާތައް ކުރައްވަމުންނެވެ.