ޚަބަރު

ރެއާލުގެ ދަތުރުގައި އެންޑްރިކް އާއި ވިނީޝަސް ބައިވެރިވާއިރު، އެމްބާޕޭ އާއި ބެލިންހަމް ސްކޮޑުގައި ނުހިމެނޭ


ރެއާލް މެޑްރިޑުން އެމެރިކާ އަށް ކުރާ ޕްރީ-ސީޒަން ޓުއާގައި ފެލިޕޭ އެންޑްރިކް އާއި ވިނީޝަސް ޖޫނިއާ ބައިވެރިވިނަމަވެސް، ކިލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމް ސްކޮޑުގައި ނުހިމެނެއެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލުން މިދިޔަ ދެ ހަފްތާގައި ފަރިތަކުރުންތައް ކުރިއަށްގެންދިޔައީ ވަލްޑެބެބާސްގައި ހުންނަ އެ ކްލަބުގެ ޓްރެއިނިންގ ގްރައުންޑްގައެވެ. އެއަށްފަހު މި މަހު 28 ގައި އެމެރިކާގައި ފަށާ ޓުއާގައި އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން، އެމެރިކާގައި އެ ޓީމުން ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު އޭސީ މިލާނާ ދެކޮޅަށް ނިކުންނައިރު، އޭގެ ތިން ދުވަސް ފަހުން އެ ޓީމު ނިކުންނާނީ ވާދަވެރި ބާސެލޯނާއާ ދެކޮޅަށެވެ. އަދި އެއަށްފަހު އޮގަސްޓް 7 ގައި ޗެލްސީއާ ދެކޮޅަށް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓުއާގައި ރެއާލްގެ މެޗުތައް ކުޅުމުގެ ކުރީން، މި މަހުގެ 28 ވަނަ ދުވަހު އެ ޓީމާ ގުޅުމަށް ހަމަޖެހިފައިވާ ކުޅުންތެރިންނަކީ، ތިބައުޓް ކޯޓުއާ، އެންޑްރީ ލުނިން، ލޫކަސް ވަޒްކޭޒް، ޖެސޫސް ވަލޭހޯ، އެންޓޯނިއޯ ރުޑިގާ، ފްރޭން ގާސިއާ، ލޫކަ މޮޑްރިޗް، ޑަނީ ސެބާޔޯސްގެ އިތުރުން އާރްދާ ގުލާ އާއި ބްރާހިމް ޑިއާޒް އަދި އެންޑްރިކް އެވެ.

އެއަށްފަހު، އަންނަ އޮގަސްޓް މަހުގެ ދެވަނަ އެ ޓީމުގެ ސްކޮޑާ ގުޅޭނީ އެންމެ ފަހުގެ ކޮޕާ އެމެރިކާގައި ވާދަކުރި ބްރެޒިލަށް ނިސްބަތްވާ ކުޅުންތެރިން ކަމަށްވާ، އެޑާ މިލިޓާއޯ އާއި ރޮޑްރީގޯ ގޯއެސް އާއި ވިނީޝަސް އެވެ.

ރެއާލުން ބުނީ، ނިމިދިޔަ ޔޫރޯ އާއި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލާ ހިސާބަށް ދަތުރުކުރި އެއްވެސް ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއަކު އެމެރިކާ ޓުއާގައި ބައިވެރިވާން ނުޖެހޭނެ ކަމަށެވެ.

މިއާއެކު، ސްޕެއިނުގެ ޑަނީ ކަރްވަހާލްގެ އިތުރުން ފްރާންސްގެ ފާލެންޑް މެންޑީ އާއި އައުރެލިއަން ޗުއަމެނީ، އެޑުއާޑޯ ކަމަވިންގާ، އެމްބާޕޭ، އިންގްލެންޑްގެ ބެލިންހަމް އަދި އުރުގުއޭގެ ފެޑެރީކޯ ވަލްވާޑޭ އެ ޓީމުގެ ފަރިތަކުރުންތަކާ ގުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އެވެ. މީގެއިތުރުން، މި ވަގުތު ކަކުލު ހުޅުގެ އަނިޔާއަކުން ރިކަވާ ވަމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު، ޑޭވިޑް އަލަބާ ވެސް އެ ޓީމާއެކު އެމެރިކާ ޓުއާގައި ބައިވެރިނުވާނެ އެވެ.

އެހެންކަމުން، މި ފަހަރުގެ އެމެރިކާ ޓުއާގައި ރެއާލްގެ އެކަޑެމީގެ 7-8 ދެމެދުގެ އަދަދަކަށް ކުޅުންތެރިން ބައިވެރިވާނެ އެވެ. އޭގެތެރޭގައި، ރައުލް އަސެންސިއޯ، ރަފާ އޮބްރާޑޯ، މާރިއޯ މަރިން، ނިކޯ ޕާޒް އަދި ސެޒާ ޕަލާސިއޯސް ހިމެނެއެވެ.