ޚަބަރު

ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ މިނިވަންކަން އޮވެގެން: ރައީސުލްޖުމްހޫރިއްޔާގެ ނައިބު


  • މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތްކަމަށް ވިދާޅުވި

ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ މިނިވަންކަން އޮވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރާއްޖޭގެ 59 ވަނަ މިނިވަންދުވަހާ ގުޅުވައިގެން އާންމުކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތްކަމަށެވެ. އަދި ޤައުމުގެ ރައްޔިތުންގެ އުންމީދުތައްވެސް ހާސިލްވާނީ އެ މިނިވަންކަން އޮވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ޤައުމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ޤައުމު ސަލާމަތްކޮށްދޭކަމަށެވެ. އަދި ދިވެހި މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި ވަރުގަދަ ބަޠަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމުގެ ސުލްހަވެރިކަމާއި އެއްބައިވަންތަކަށް ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

"ޤައުމަށްޓަކައި ކާބަފައިންވި ޤުރުބާނީއަށް ފަށްފަށުން ޝުކުރު ބަރުތީލަކުރަން. އަދި މި ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރެއްވުމަށާއި ޤައުމު ސުލްހަވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގައި އެއް ރޫޙެއްގައި ބައިވެރިވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރަން،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ވީޑިއޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެ މިނިވަންކަމާއި ފާގަތިކަމުގައި އަބަދު ލަހައްޓަވައިދެއްވުމަށް އެދި ދުޢާކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.