ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


  • މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާ ދެންނެވި

މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ.

އެމަނިކުފާނު މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު މީސް މީޑިއާ މެދުވެރިކޮށް ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މިނިވަންދުވަހާ ގުޅިގެން އެމަނިކުފާނު ކުރެއްވި މި ޕޯސްޓުގައި ވަނީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާކަމަށް ވިދާޅުވެފައެވެ.

މިއަދު ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު ދުވަހުގެ ޙާއްސަ ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ނިންމާފައެވެެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ އިނާމު ލިބޭ 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވާނެއެވެ.

މިއަހަރު މި އިނާމް ލިބިވަޑައިގަންނަވާ ބޭފުޅުންގެތެރޭގައި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިބޭފުޅުންގެ ނަންތައް ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ފޮނުއްވެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.