ޚަބަރު

ރައްޔިތުން ބޭނުންވާގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް އިސްކަންދެއްވާ: ވަޒީރު އާދަމް ޝަރީފް


  • ބްރިޖުން ޓޯލް ނެގުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި

ރައްޔިތުން ރައްޔިތުން ބޭނުންވާގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްކަން ދެއްވާކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް ޢުމަރު މިފަދައިން ވިދާޅުވީ ބްރިޖުން ޓޯލް ނެގުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމާއި ގުޅިގެނެވެ.

ސޯޝަލް މީޑިއާގައިި ރައީސުލްޖުމްހޫރިއްޔާ އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބްރިޖުން ޓޯލް ނުވަތަ ފީ ނެގުމަށް އެކި ފަރާތްތަކުން ލަފާ އެރުވިނަމަވެސް އެއީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއް ކުރާނީ މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމި، އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ޙައްލު ވުމުންކަމަށެވެ. މީގެއިތުރުން ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށް އިޝާރާތްކުރައްވައި، ވަޒީރު އާދަމް ޝަރީފް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާ ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުން އެދޭގޮތަށް ނިޒާމުތައް ހަރުދަނާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މިހާރު ހިނގަމުންދާ އުޞޫލުން ވެރިކަމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ މުއްދަކަށް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދެވިއްޖެނަމަ، ޙަޤީޤީ މާނައިގައި ރައްޔިތުންގެ ބާރުވެރިކަން އިތުރުވެ، ދިމިގުރާތީ ނިޒާމު ހަރުދަނާވާނެ ކަމަށެވެ. އަދި މިކަންކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ މުސްތަޤުބަލު އުޖާލާވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ