ޚަބަރު

ނަތަންޔާހޫގެ ތަޤުރީރާ ދެކޮޅަށް އެމެރިކާގައި އެތަކެއް ހާސް ބަޔަކު މުޒާހަރާއަށް


ޔަހޫދީންގެ ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގައި ދިން ތަޤުރީރާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އެތަކެއް ހާސް ބަޔަކު ވެރިރަށް ވޮޝިންގޓަނުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ނިރުބަވެރި ނަތަންޔާހޫއާ މެދު އޮތް ޝުޢޫރުތައް އަމަލާއި ބަހުން ފާޅު ކޮށްފައެވެ. އެ މީހުން ވަނީ އެމެރިކާއާއި އިސްރާއީލުގެ ދިދައިގައި ހުޅުޖަހައި, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހައްދުފަހަނަ އެޅި ނަތަންޔާހޫ ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލުމަށް ގޮވައިލާފައެވެ.

މުޒާހަރާގެ ބައިވެރިން ޖަހާފައިވާ ބޮޑު ފޮތިގަނޑެއްގައި ޖަހާފައި ވަނީ ނަތަންޔާހޫއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމުގައެވެ. މި ކަމުގައި އިޝާރާތް ކޮށްފައި ވަނީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ބައިނަލްއަޤުވާމީ އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ޚިލާފު ހަނގުރާމައިގެ ކުށްތައް ނަތަންޔާހޫ ހިންގަމުންދާ ކަމުގެ ތުހުމަތުގައި އޭނާ ހައްުޔަރު ކުރުމުގެ އަމުރެއް ހޯދަން ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ފަށާފައިވާ މަސައްކަތަށެވެ.

ނަތަންޔާހޫއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ހުރަސް އެޅުމަށް އެމެރިކާގެ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އަދި, މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ޙަމަލާދީ, ޕެޕަރ ސްޕްރޭ ފަދަ ހަތިޔާރު ބޭނުން ކޮށްފައެވެ. ސުލްޙަވެރި މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމުން, މުޒާހަރާގެ ބައިވެރިން ވަނީ އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. ބައެއް ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދީފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކޮންގްރެސްގެ މެންބަރުންނާ ތަޤުރީރު ކުރަމުން ނިރުބަވެރި ނަތަންޔާހޫ ވަނީ އޭނާއާ ދެކޮޅަށް ވޮޝިންގޓަނުގައި ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިންނަށް ބަދުބަސްތައް އަމާޒުކޮށް ފާޑުކިޔާފައެވެ. މުޒާހަރާގެ ބައިވެރިންނަކީ އީރާނުން ބާރު ފޯރުވާ ބުދުތަކެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރިއެވެ. އަދި, އެއީ ބުއްދި ފިލައި ގޮސްފައިވާ ބަޔެއް ކަމުގައި ވެސް އޭނާ ބުންޏެވެ. އެމެރިކާގެ ފަސްގަނޑުގައި ހުރެ, އެމެރިކާގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރަމުން, އެ ޤައުމުގެ ޢާންމު ރައްޔިތުންނާ މެދު ބަދުބަސްތައް ބޭނުން ކުރުމުން ހައްދުފަހަނަ އެޅި ނަތަންޔާހޫއަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެއީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން އެމެރިކާގެ މަގުތަކުގައި މުޒާހަރާ ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޣައްޒާ ޢުދުވާނާ ދެކޮޅަށް އަޑު އުފުލުމަށް ވައިޓް ހައުސް ކައިރީގައި ދަނީ މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންނެވެ. އަދި, ޣައްޒާ ޢުދުވާނާ ދެކޮޅަށް އެމެރިކާގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ދާދި ފަހުން ބޮޑެތި މުޒާހަރާތަކެއް ކޮށް, ކޮލެޖުތަކާއި ޔުނިވަރސިޓީތައް ހުއްޓުމަކަށް ގެނެސްފައިވާ ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ކޮންގްރެސްގެ ޖަލްސާގެ ތެރެއިން ވެސް ނިރުބަވެރި ނަތަންޔާހޫއަށް ނުރުހުމާއި ފާޑު ކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ. އެ ގޮތުން, ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ގިނަ ޢަަދަދެއްގެ މެންބަރުން ވަނީ ނަތަންޔާހޫގެ ތަޤުރީރު ބޮއިކޮޓު ކޮށްފައެވެ. ޖަލްސާގައި ބައިވެރިވި ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުން ތިއްބެވީ ޣައްޒާ ޢުދުވާނާ ދެކޮޅު ކަން ހާމަ ކުރުމުގެ ގޮތުން ނަތަންޔާހޫއާ ދެކޮޅު ޝުޢޫރުތައް ލިޔެފައިވާ ކާޑުތަކެއް ހިފައިގެންނެވެ. ކޮންގްރެސްގައި ތަޤުރީރު ކުރަން ނަތަންޔާހޫއަށް ދަޢުވަތު ދީފައި ވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީންނެވެ.

ހައްދުފަހަނަ އެޅި ނަތަންޔާހޫގެ ތަޤުރީރަށް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވަނީ ފާޑު ކިޔާފައެވެ. އެ ޖަމާޢަތުން ބުނީ, އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ދިން ތަޤުރީރުގައި ނިރުބަވެރި ނަތަންޔާހޫގެ އަނގައިން ތެދު އެންމެ ބަހެއް ވެސް ނިކުމެފައި ނުވާ ކަމުގައެވެ. އަދި, ޣައްޒާ ޢުދުވާން ހުއްޓުވުމުގެ އެއްވެސް ނިޔަތެއް އޭނާގެ ކިބައިގައި ނެތް ކަން ތަޤުރީރުން ހާމަވި ކަމުގައި ވެސް ޙަމާސުން ބުންޏެވެ.

"ނަތަންޔާހޫގެ ތަޤުރީރު ފުރިފައި އޮތީ ބުހުތާން ދޮގުން. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކާއި ގަތުލުއާންމުތައް [އެމެރިކާގެ ކޮންގްރެސްގައި] ތަޤުރީރު ކޮށްގެން ނުފޮރުވޭނެ،" ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛުހްރީ ވިދާޅުވިއެވެ. ޔަހޫދީންނާ ބައިޢަތު ހިފުމަކީ ޣައްޒާ ޝަހީދުންގެ ލޭ ހުއްދަ ކުރުމުގެ ގޮތުގައި ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އަމުރު ހިންގާނެ, ވެރިކަން ހިންގާނެ ބަޔެއް ކަނޑައަޅާނީ އެ މީހުން އަމިއްލައަށް. މި ކަމަށް އޮތް ހަމައެކަނި ޙައްލަކީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކޮށްދިނުން. އަދި އިރުމަތީ ބައިތުލްމަޤްދިސަކީ ފަލަސްޠީނުގެ ވެރި ރަށުގެ ގޮތުގައި ކަނޑަައެޅުން،" ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީގެ ރައީސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދަޔިނާ ވިދާޅުވިއެވެ.

މީގެ ނުވަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 39,175އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 90,403އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.