ޚަބަރު

ޕާކިސްތާނު ސަރުކާރުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޑޮލަރުގެ އެހީއެއް!


  • މިއީ ރާއްޖޭގެ ތަރިކައާ ސަގާފަތުގެ ދާއިރާއަށް ފޯރުކޮށްދިން އެހީއެއް

ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޔޫއެސް ޑޮލަރު ނުވަތަ އެއްލައްކަ ފަންސާސް ތިން ހާސް ފަސްސަތޭކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ދިވެހިބަހުގެ އެކެޑަމީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީއެވެ. އަދި ބަހުގެ އެކެޑަމީގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީ ވިދާޅުވީ ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ހާއްސަ އުފަލެއް ލިބިވަޑައިގަންނަވާ ކަމެއްކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާގައި ވެސް ޕާކިސްތާނުގެ އެހީތެރިކަމާއެކު ކުރެވިފައިވާ އަދި ކުރެވެމުންދާ ކަންކަން ފެންނަން އެބަހުރި ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އެކެޑަމީއަށް ދެވުނު އެހީއަކީ ރާއްޖޭގެ ތަރިކައާ ސަގާފަތުގެ ދާއިރާއަށް ވެދެވޭ އެހީއެއްކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޕާކިސްތާނާ ރާއްޖެއާ ދެމެދު އޮތް ގުޅުން ގިނަ ދާއިރާތަކަކުން އިތުރަށް ހަރުދަނާވެގެންދާނެކަން ޔަޤީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ޕާކިސްތާނުން ފޯރުކޮށްދެއްވި އެހީއަކީ ބަހުގެ އެކެޑަމީގެ އުންމީދުތައް ހާސިލުކުރުމުގައި ބޭނުންތެރި އެހީއެއްކަމަށެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހީންނަށް ލިބިފައިވާ އަދި ލިބެމުންދާ އެހީއަކީ އަގުނުކެރެވޭނެ އެއްޗެއްކަމަށާއި، އެކަމަށްޓަކައި އެންމެހާ ދިވެހީންގެ ނަމުގައި ޕާކިސްތާނު ސަރުކާރަށް ޝުކުރު އަދާކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިފަދަ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީގެ އިތުރުން ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިން އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސް ވެރީންނާއި ދިވެހިބަހުގެ އެކެޑަމީގެ ވެރިންނާއި މުޝީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.