ކުޅިވަރު

އަލްބޭނިއާގެ ކޮންޓްރެކްޓް ސިލްވީނިއޯ އައުކޮށްފި


އަލްބޭނިއާގެ ކޯޗު، ސިލްވީނިއޯ، އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އާކޮށްފިއެވެ.

އަލްބޭނިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އަމާޒަކީ، 2025 ވަނަ އަހަރުގެ ނޭޝަންސް ލީގާއި، އޭގެ އެއް އަހަރު ފަހުން އޮތް ފީފާ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިކޮށްދިނުމެވެ.

ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކި އަލްބޭނިއާގެ ކޯޗުގެ މަގާމާ ސިލްވީނިއޯ ހަވާލުވީ، މިދިޔަ އަހަރުގެ 2023 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން، އެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަން، ސްޕެއިނާއި އިޓަލީ އަދި ކްރޮއޭޝިއާ އާއެކު އެއް ގްރޫޕެއްގައި ހިމެނި ތިން މެޗުން ޕޮއިންޓެއް ހޯދާފައެވެ.

މިއަހަރުގެ ޔޫރޯ އަކީ އަލްބޭނިއާގެ ތާރީޚުގައި ވާދަކުރި ދެވަނަ ބޮޑު މުބާރާތެވެ. މީގެކުރީން، 2016 ވަނަ އަހަރުގެ ޔޫރޯގައި އެ ޓީމުން ވަނީ އިޓަލީގެ ކޯޗު، ޖިއާނީ ޑެ ބިއާސީގެ އިރުޝާދުގެ ދަށުން ކުޅެފައެވެ.

އަލްބޭނިއާގެ ފެޑެރޭޝަނުން ބުނީ، އެންމެ ފަހުގެ ޔޫރޯ އަށް ކޮލިފައިވުމަށް ކަނޑައެޅި ޓާގެޓް ހާސިލްކުރުމަށްފަހު ދެން އޮތީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައިވުން ކަމަށެވެ.

ސިލްވީނިއޯގެ އިރުޝާދުގެ ދަށުން، އަލްބޭނިއާ އިން ޔޫރޯ އަށް ކޮލިފައިވީ، ޗެކް ރިޕަބްލިކާއި، ޕޮލެންޑާ އެއްކޮށް ވަރުގަދަ ގްރޫޕެއްގައި ހިމެނި އެއްވަނަ މަގާމު ހޯދައިގެންނެވެ.

ކުރީން އާސެނަލާއި ބާސެލޯނާ އަދި މެންޗެސްޓާ ސިޓީ އަށް ކުޅެފައިވާ ސިލްވީނިއޯގެ ކޯޗިންގ ކެރިއަރުގައި ވަނީ ފްރާންސްގެ އޮލިމްޕިކް ލިޔޯން އާއި ބްރެޒިލްގެ ކޮރިންތިއަންސް އަށް އިރުޝާދުދީފައެވެ. އޭގެކުރީން، އޭނާ ވަނީ ބްރެޒިލްގެ ކޯޗު ޓީޓޭ އާއި ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.