ޚަބަރު

އެލްޖީއޭގެ ބޯޑަށް ށ. އަތޮޅުގެ ރައީސް މުޙައްމަދު ޝިޔާމް


  • ޝިޔާމް އިންތިޚާބުވެފައިވަނީ 9 މެންބަރުންގެ ވޯޓުން

  • ކުރިން އެ މަގާމުގައި ހުންނެވީ މާލެ އަތޮޅު ކައުންސިލްގެ ރައީސް

  • އެލްޖީއޭ ބޯޑުގައި 9 މެންބަރުން ތިއްބަވާ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް އިންތިޚާބުވެއްޖެއެވެ.

ޝިޔާމް އިންތިޚާބުވެފައިވަނީ އެލްޖީއޭގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މެންބަރުގެ ގޮތުގައެވެ. އޭނާ އެ މަގާމަށް އިންތިޚާބުވެފައިވަނީ އިއްޔެ ބޭއްވި އިންތިޚާބުގައި 9 ވޯޓުންނެވެ.

މި އިންތިޚާބުގައި ށ. އަތޮޅު ކައުންސިލްގެ ރައީސާ ވާދަކުރެއްވީ ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީއެވެ. އޭނާއަށް ލިބިވަޑައިގަތީ 6 ވޯޓެވެ.

އެލްޖީއޭގެ ބޯޑުގައި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުގެ ގޮނޑި ހުސްވީ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ނިމާލް އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ އަމިއްލަ ދިރިއުޅުމުގައި ކަންކަން ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

އެލްޖީއޭގެ ބޯޑުގައި 9 މެންބަރުން ތިއްބަވާއިރު ކައުންސިލްތައް ތަމްސީލްކުރައްވާ 3 މެންބަރުން ތިއްބަވައެވެ. އެއީ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުންނެވެ.

މީގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ވަޒީރާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްޢިއްޔާގެ މެންބަރަކާއި، މާލީ ވުޒާރާގެ މުވައްޒަފަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސީއީއޯ މި ބޯޑުގައި ހިމެނިވަޑައިގަންނަވާނެއެވެ.