ދުނިޔެ

އިންޑިޔާގެ ބައެއް ހިސާބުތަކުގައި ފިނިހޫނުމިން 51 ޑިގްރީއަށް


އިންޑިޔާގެ ބައެއް ހިސާބުތަކުގައި މިއަދު ފިނިހޫނުމިން 51 ޑިގްރީއަށް އަރައިފިއެވެ.

މިއީ މިހާތަނަށް އިންޑިޔާގައި ރެކޯޑްކުރެވުނު އެންމެ ހޫނުގަދަ ދުވަސްކަމަށް ބީބީސީ ޚަބަރުދެއެވެ. އަވަށްޓެރި ޕާކިސްތާންގެ ކަރާޗީއަށްވެސް ކުރިޔަށް އޮތް ދުވަސްތަކަކީ އާދަޔާޚިލާފަށް ހޫނުގަދަ ދުވަސްތަކަކަށް ވާނެކަމަށް ބެލޭތީ، އެކަމަށް ތަފާތު ތައްޔާރީތައް ވަމުން އަންނަކަމަށް ޚަބަރުލިބެއެވެ.

img:http://s3.psmnews.mv/images/660x400/14637518696789.jpg|ޕާކިސްތާނުގެ ލާހޫރުގައި ގަދަ ހޫނުން ސަލާމަތްވުމަށް ބަޔަކު ކޯރަކުން ފެންވަރަނީ- ފޮޓޯ: ޒިންހުއާ

ފާއިތުވި 2015 ވަނަ އަހަރުގެ ހޫނު މޫސުމުގައިވެސް، ގަދަހޫނުގެ ސަބަބުން ކަރާޗީން ތޭރަސަތޭއަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. އަދި މީހުން މަރުވަމުންދިޔަލެއް އަވަސްކަމުން ވަޅުލެވޭނެގޮތެއް ނެތި ގިނަބަޔަކު ބައިތިއްބަން ޖެހުނުކަމަށްވެސް ޚަބަރުތައް ބުނެއެވެ. 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކަރާޗީއަށް 2015 ވަނަ އަހަރު ކުރިމަތިވި އާދަޔާ ޚިލާފް ހޫނުމޫސުމުގައި ހޮސްޕިޓަލްތަކާއި، މަރުވެފައިވާ މީހުންގެހަށިގަނޑުތައް ރައްކާތެރިކަމާއެކު ބަހައްޓާ ތަންތަނާއި އަދި ގަބުރުސްތާންތަކަށް ބާރުބޮޑުވެގެން ގޮސްފައިވެއެވެ.

އެފަހަރުގެ ހޫނުމިން 47 ޑިގްރީއަށް އަރާފައިވާއިރު މިއީ 1981އިން ފެށިގެންހޫނުމިން އެންމެ މައްޗަށް ދިޔަ އަހަރުކަމަށް ރެކޯޑްތައް ދައްކައެވެ. ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވެފައި ރަމަޟާންމަހު މިފަދަހޫނުކަން ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.