ޚަބަރު

ޙޫޘީންނާއި ޔަހޫދީންގެ އަމަލުތަކާ ގުޅިގެން ރަތް ކަނޑުގެ ދަތުރުފަތުރަށް ނުރައްކާ ބޮޑު: އދ


ރަތް ކަނޑާއި ޔަމަން ކައިރީގައި އޮތް ކަނޑުގެ ސަރަޙައްދުގައި އެ ޤައުމުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި, އެ ޖަމާޢަތާ ދެކޮޅަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކާ ގުޅިގެން ކަނޑު ދަތުރުފަތުރަށް އޮތް ނުރައްކާތެރި ކަން އިތުރުވަމުންދާ ކަމުގައި އދއިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ހާންސް ގްރުންދްބައިގް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ޔަމަނާއި އެ ސަރަޙައްދުގެ ހާލަތާ ގުޅޭ ގޮތުން އދގެ ސަލާމަތީ މަޖިލީހާ މަޢުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

ގްރުންދްބައިގް ވިދާޅުވީ, ޙޫޘީންގެ އަސްކަރީ ހަރަކާތްތައް އިތުރު ކުރުމާއި, ޔަހޫދީ ފައުޖުން ޔަމަނަށް ބޮން އަޅަން ފެށުމާ ގުޅިގެން އެ ސަރަޙައްދުގެ ހަމަޖެހުން ގެއްލި, ބޮޑު ހަމަނުޖެހުންގަނޑެއް ފެށިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމުގައެވެ. އަދި, ކަނޑުމަގުން ކުރާ ވިޔަފާރިއަށް އޮތް ނުރައްކާތެރި ކަން އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ.

"ރަތް ކަނޑާއި, [ޔަމަން ކައިރިން] އެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުފަހަރަށް ޙަމަލާތައް އަމާޒު ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް. އެންމެ ފަހުން ހިނގާފައިވާ ހާދިސާތަކަށް [ޔަހޫދީ ފައުޖުން ޔަމަނަށް ޙަމަލާ ދިނުމަށް] ބަލާއިރު, ކަނޑުމަގުން ކުރާ ބައިނަލްއަޤުވާމީ ވިޔަފާރިއަށް އޮތް ނުރައްކާތެރި ކަން އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމަށް ގަބޫލު ކުރެވޭ،" ގްރުންދްބައިގް ވިދާޅުވިއެވެ.

އޭނާ ވަނީ, ޔަމަންގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ އަލް-ޙުދަޔިދާއަށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކަށް ވެސް އިޝާރާތް ކުރައްވާފައެވެ. މި ގޮތުން, އެ ޙަމަލާތަކާ ގުޅިގެން ސަރަޙައްދީ ހަމަޖެހުމަށް އިތުރު ނުރައްކާތެރި ކަމެއް ކުރިމަތިވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޙުދަޔިދާ ބަނދަރުގައި ހުރި ތެޔޮ ރައްކާކުރާ ގުދަންތަކާއި އިންޖީނުގެއަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި ތިން މީހުން ޝަހީދު ކޮށްލައި, 87އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ.

ގްރުންދްބައިގް ވިދާޅުވީ ޙޫޘީންގެ ޙަމަލާތަކުގައި ދެ އާގުބޯޓު ފައްތައިލާފައިވާއިރު, ޢާންމުންގެ ބަޔަކު މަރުވެފައިވާ ކަމުގައެެވެ. އަދި, ކަނޑުމަގުން ކުރާ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު, ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙޫޘީން ރަހީނު ކުރި ގެލެސްކީ ލީޑަރގެ ފަޅުވެރިން އަދިވެސް މިނިވަން ކޮށްފައި ނުވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން, އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ބޮން އަޅަމުން ދިޔުމާ ގުޅިގެން މަސްރަޙު އިތުރަށް ހޫނުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޔަމަން ކައިރީގައިވާ ކަނޑުގެ ސަރަޙައްދުގައި ޙޫޘީން އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތި ކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން އެ ކަމާ ދެކޮޅަށެވެ. މި ޙަރަކާތުގެ ދަށުން އެ ޖަމާޢަތުން ދަނީ ރަތް ކަނޑާއި, ޔަމަން ކައިރީގައިވާ ކަނޑުގެ ސަރަޙައްދުން ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރާއި އެހެން އުޅަނދުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ. ޢަދަން ކަނޑާއި, މެޑިޓެރޭނިޔަން ކަނޑުގެ އިތުރުން އިންޑިޔާ ކަނޑުން ދަތުރު ކުރާ އުޅަނދުފަހަރަށް ވެސް ޙޫޘީން ވަނީ ޙަމަލާތައް އަމާޒު ކޮށްފައެެވެ.

އެ ޙަމަލާތަކުގައި އެ ޖަމާޢަތުން ދަނީ ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯންތައް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. އެ ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީންގެ ރަށްތަކާއި, ޔަހޫދީ ފައުޖުގެ މަރުކަޒުތަކަށް ވެސް ޙޫޘީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގެ ބޭނުމަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެންނަން ހައްދުފަހަނަ އެޅި ޔަހޫދީންނަށް ބާރު އެޅުމެވެ.

ޙޫޘީންގެ އަސްކަރީ އޮޕަރޭޝަން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ ޔަމަންގައި ޢާންމުން ދިރިއުޅޭ ރަށްތަކަށް ވައިގެ ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ. އަދި, ޙޫޘީންނަށް އަމާޒުކޮށް ހިންގަމުންދާ އަސްކަރީ ޙަރަކާތުގައި ބައިވެރި ކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތައް ޔަމަން ކައިރިއަށް ފޮނުވާފައެވެ.