ޚަބަރު

ފްލިކްގެ އަމާޒަކީ ބާސެލޯނާ ލައްވާ ބޮޑަށް ޑައިރެކްޓް ސްޓައިލެއްގައި ކުޅުވުން


ބާސެލޯނާގެ އައު ކޯޗު، ހަންސީ ފްލިކް ވަނީ، ޒަމާނުއްސުރެ އެ ކްލަބުން ކުޅެމުން އަންނަ ގިނަ ޕާސްތަކެއް ކޮށްގެން ކުޅޭ ފުޓްބޯޅައަށް އިހުތިރާމްކުރާ ކަމަށާއި، އެކަމަކުވެސް ޑައިރެކްޓްކޮށް ކުޅުވައި، ލަނޑުޖެހުމަށް މަސައްކަތްކޮށް، އެފަދަ ސްޓައިލަކަށް އިސްކަންދޭނެ ކަމަށް ބުނެފައެވެ.

ފްލިކް މިހެން ބުނީ، ބާސާ ވަން އަށް މި ހަފްތާގެ ހޯމަ ދުވަހު އިންޓަވިއުއެއްގައެވެ.

ބާސެލޯނާ އިން އެ ކްލަބުގެ ކޯޗުގެ މަގާމާ ފްލިކް ހަވާލުކުރީ، މިދިޔަ މެއި މަހުގެ ތެރޭގައި ޒާވީ ހެނާންޑޭޒް މަގާމުން ދުރުކުރުމަށްފަހު އެވެ.

ޖަރުމަނު ގައުމީ ޓީމަށާއި، ބަޔާން މިއުނިކަށް ކޯޗުކޮށްދީފައިވާ ފްލިކް ވަނީ ބާސެލޯނާ އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ފްލިކް ބުނީ، ޒަމާނުއްސުރެ ބާސެލޯނާ ކުޅެމުން އަންނަނީ ޕާސިންގ ގޭމަކަށްވީނަމަވެސް، ކުރިއަށް އޮތް ތާނގާއި އޭނާގެ އަމާޒަކީ ސީދާ ލަނޑުޖެހުމަށް މަސައްކަތްކުރުވާ ފަދަ ގޭމެއް ކުޅުވުމަށް ކަމަށެވެ. މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭނީ ލަނޑުޖެހުމަށް ކަމަށާއި، އެ ޓީމުގެ ހަގީގީ ސްޓައިލާ އޭނާގެ ޓެކްޓިކްސްއާ މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށް ވެސް ފްލިކް ވަނީ ބުނެފައެވެ.

އަދި އޭނާ ކުޅުވަން ބޭނުންވަނީ، ހައި ޕްރެސްކޮށް، އިދިކޮޅު ޓީމުގެ މިޑްފީލްޑްގެ ތެރޭގައި ކުޅުމަށް ކަމަށާއި، އެހެންނަމަވެސް މެޗެއްގައި އެންމެ މުހިއްމު ކަމަކަށްވާނީ މޮޅުވުން ކަމަށް ވެސް ފްލިކް ވަނީ ބުނެފައެވެ.

ބާސެލޯނާ އަށް ދެން އެންމެ އަވަހަށް އޮތީ ޕްރީ-ސީޒަންގައި މި މަހުގެ 30 ވަނަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.