ޚަބަރު

ނޭޕާލްގައި މަތިންދާބޯޓެއްގެ ވެއްޓި 18 މީހުން މަރުވެއްޖެ


ނޭޕާލްގައި ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވެއްޓި, އެއިން ދަތުރުކުރި 18 މީހުން މަރުވެއްޖެއެވެ.

އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ފޯރުކޮށްދޭ ސޮއުރިޔާ އެއަރލައިންސްގެ މަތިންދާބޯޓު ވެއްޓިފައި ވަނީ ވެރިރަށް ކަތަމަންޑޫގެ ވައިގެ ބަނދަރުން ފުރިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ވެއްޓުމަށް ފަހު, ބޯޓުގެ ބައިތަކުގައި ވަނީ އަލިފާން ރޯވެފައެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސޮއުރިޔާ އެއަރލައިންސްގެ ފަޅުވެރިންނާއި ޓެކްނީޝަނުންނެވެ. ބޯޓު ވެއްޓުނު ވަގުތު އޭގައި ދެ ފަޅުވެރިންނާއި 17 ޓެކްނީޝަނުން ތިއްބެވެ. ބޯޓު ވެއްޓިފައި ވަނީ, މަރާމާތުތަކެއް ކުރުމަށް ކަތަމަންޑޫން ފުރައިގެން ޕުކަރާ ވައިގެ ބަނދަރަށް ކުރި ދަތުރުގައެވެ. ނޭޕްލާގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެއަރލައިންތަކުގެ މަތިންދާބޯޓުތައް މަރާމާތު ކުރުމުގެ ޚިދުމަތް ދެނީ ޕުކަރާ ވައިގެ ބަނދަރުންނެވެ.

"މި ހާދިސާގައި ފުރާނަ ސަލާމަތް ކުރެވިފައި ވަނީ ބޯޓުގެ ކެޕްޓަންގެ އެކަނި. ހަސްފަތާލުގައި އެޑްމިޓު ކޮށްގެން އޭނާއަށް ފަރުވާ ދިނުމަށް ދަނީ މަސައްކަތް ކުރަމުން،" ކަތަމަންޑޫގެ ތްރީބުވަން ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ ތަރުޖަމާނު ޓޭޖް ބަހާދުރް ޕޮއުޑިޔާލް ވިދާޅުވިއެވެ. ބޯޓު ވެއްޓުނު ސަރަޙައްދުން ނަގާފައިވާ ވީޑިޔޯތަކުން ފެނިގެން ގޮސްފައި ވަނީ, ވެއްޓިފައިވާ ބޯޓުގެ ބައިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލަން މަސައްކަތް ކުރަމުން ދިޔަ މަންޒަރެވެ. އަދި, މަރުވެފައިވާ މީހުންގެ ހަށިތައް ހޯދައި, އެމްބިޔުލާންސްތަކަށް އަރުގައިގެން ގެންދާ މަންޒަރެވެ.

އެ ހާދިސާއާ ގުޅިގެން ތްރީބުވަން ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދު ކުރިއެވެ. ސޮއުރިޔާ އެއަރލައިންސްގެ އޮފިޝަލަކު ބުނީ ވެއްޓިފައި ވަނީ ސީއާރްޖޭ-200 މަރުކާގެ 50 ފަސިންޖަރުންގެ ޖާގައިގެ މަތިންދާބޯޓެއް ކަމުގައެވެ. ވައިގެ ދަތުރުފަތުރުގެ މަޢުލޫމާތު ފޯރުކޮށްދޭ ފްލައިޓް ރޭޑަރ 24އިން ބުނި ގޮތުގައި, ސޮއުރިިޔާ އެއަރލައިންސްގެ ފްލީޓުގައި އެ މަރުކާގެ ތިން މަތިންދާބޯޓު އޮވެއެވެ.

ނޭޕާލަކީ ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގެ ސަލާމަތީ ކަންކަން ދަށް ޤައުމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޤައުމެކެވެ. 2000ވަނަ އަހަރަށް ފަހު އެ ޤައުމުގައި ހިނގާފައިވާ ވައިގެ އުދުހުންތަކުގެ އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ ޢަދަދު 350އަށް އަރައެވެ.

އޭގެ ތެެރެއިން އެންމެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ 1992ވަނަ އަހަރު ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއެވެ. ކަތަމަންޑޫ ވައިގެ ބަނދަރުގައި ޖައްސަން ދިޔަ މަތިންދާބޯޓު ވެއްޓުނު އެ ހާދިސާގައި 167 މީހުން މަރުވިއެވެ. 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ޔެޓީ އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއެއްގައި ވެސް 72 މީހުން މަރުވިއެވެ.