ޚަބަރު

ދެ ހަފްތާ ތެރޭގައި އައްޑޫއަށް 1.6 މެގަވޮޓުގެ ޖެނެރޭޓަރެއް ގެންދާނެ: ފެނަކަ


  • މިފަހަރު އައްޑޫގައި ކަރަންޓު ކެނޑެން ދިމާވީ ކޭބަލް ހަލާކުވުމުން

  • 1.6 މެގަވޮޓު ޖެނެރޭޓަރެއް 2 ހަފްތާ ތެރޭގައި އައްޑޫއަށް ގެންދާނެ

އައްޑޫއަށް މިހާރު ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1.6 މެގަވޯޓުގެ ޖެނެރޭޓަރެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ ސިޓީއަށް ގެންދާނެކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން މިކަން ހާމަކޮށްފައިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާއި ގުޅިގެން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުޢާޒް މުހައްމަދު ރަޝީދު ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައެވެ.

މެނޭޖިންގް ޑިރެކްޓަރ މުޢާޒް މުހައްމަދު ރަޝީދު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެން ދިމާވާ މައިގަނޑު ސަބަބަކީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ކަރަންޓު ކޭބަލްތަކަށް ގެއްލުން ލިބޭތީކަމަށެވެ. އަދި ކޭބަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިނގާކަންވެސް މުޢާޒް ފާހަގަކުރެއްވިއެވެ.

"އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އެފްކޮންސް އިން މަސައްކަތް ކުރަމުންދާއިރު ކަރަންޓު ކޭބަލަށް ގެއްލުން ވަމުންދާތީ އޭގެ ސަބަބުން މިފަހަރު މައްސަލަ ދިމާވީ. މިހާރު މައްސަލަ ހައްލުކޮށް ކަރަންޓު ދެވިފައިވަނީ" މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ އެންމެ ފަހުން ދިމާވި މައްސަލަ ހައްލުކޮށް މިހާރު ކަރަންޓު ދީފައިވީ ނަމަވެސް، އައްޑޫއަށް މިހާރު ކަރަންޓު ދިނުމަށް ބޭނުން ކުރާ އިންޖީނުތައް މަރާމާތުނުކޮށް ހުރުމުން ވަރަށް ބޮޑަށް ހަލާކުވެފައިވެފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކަށީގެންވާވަރަށް ކަރަންޓް އުފެއްދުމުގެ ގާބިލްކަން ޖަނަރޭޓަރުތަކުގައި ނެތްކަންވެސް ފެނަކައިން ފާހަގަކުރެއެވެ.

މުޢާޒް ވިދާޅުވީ އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރު ހަވާލުވި ފަހުން 1 މެގަވޯޓުގެ ޖެނެރޭޓަރެއް އައްޑޫއަށް ގެންގޮސްފައިވާކަމަށެވެ. އަދި 2 މެގަވޯޓުގެ އިތުރު ޖެނެރޭޓަރެއްވެސް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އައްޑޫއަށް ފޮނުވާނެކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

ފެނަކައިން ބުނީ، އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން 2 މެގަވޯޓު 2 ޖެނެރޭޓަރެއްވެސް ގެނައި ކަމަށެވެ. ނަމަވެސް ދެ ޖެނޭރޭޓަރުވެސް އަޅާނުލާ ދޫކޮއްލާފަ ހުރުމުން މަރާމާތު ކުރަން ޖެހިފައިވާ ކަމަމަށް މުޢާޒް ވިދާޅުވިއެވެ.

"އެ ދެ ޖެނެރޭޓަރުވެސް ހުރީ މިދިޔަ ސަރުކާރުގައި އެއްވެސް އަޅާލުމަށް ނެތުމުގެ ސަބަބުން، އެއްކޮށް ގްރައުންޑް ވެފައި. އަޅުގަނޑުމެން މިހާރު އެ ދެ ޖަނަރޭޓަރަށް ބޭނުންވާ ސްޕެއަރ ހޯދައިގެން އަޕްކުރަން މަސައްކަތް ކުރަމުން މިދަނީ. އެއީވެސް 11 މިލިއަން ރުފިޔާ، ދެ ޖެނެރޭޓަރު ސާވިސް ކުރުމަށް. ރަނގަޅު ފެންވަރު ދެ ޖެނެރޭޓަރު އެއްވެސް މަރާމާތެއް ނުކުރުމުގެ ސަބަބުން ބޭނުން ނުކުރެވި އެއިނީ " މުޢާޒް ވިދާޅުވިއެވެ.

ފެނަކައިން ބުނީ އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް އަންނާނީ މިހާރު ހަވާލުކޮށްފައިވާ 31 މެގަވޯޓުގެ އިންޖީނުގޭގެ މަސައްކަތް ނިމުމުން ކަމަށެވެ. މިމަސައްކަތް ސަރުކާރުން ވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާ މިއަހަރުގެ އެޕްރީލް މަހު ހަވާލުކޮށްފައެވެ.