ޚަބަރު

ފީފާއިން އެކުލަވާލާ ނޯމަލައިޒިން ކޮމިޓީއަށް ފުރިހަމަ އެއްބާރުލުން ދޭނަން: ޠަލާލް


ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކަށް ހަވާލުކުރަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ (ފީފާ) އިން ނިންމި ނިންމުމަށް މަރުހަބާކިޔާ ކަމަށާއި ފީފާއިން އެކުލަވާލާ ނޯމަލައިޒިން ކޮމިޓީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ފީފާއިން ނިންމިކަން ހާމަކޮށްފައިވަނީ ރޭ ނެރުނު ނޫސްބަޔާނުގައެވެ. އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ، އެ އެސޯސިއޭޝަންގެ ގަވަރްނަންސްގެ މައްސަލަތަކާއި މާލީގޮތުން އިންތިހާއަށް ދަށަށް ގޮސްފައިވާތީ، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށް ބަޔާނުގައިވެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮރަޕްޝަނުގެ ތުހުމަތުތަކާއި، އިންތިޚާބާ ގުޅޭގޮތުން ފީފާ އާއި އޭއެފްސީ ކޮންމެ ގޮތެއް ނިންމި ނަމަވެސް، އެ ނިންމުމާއެކު ކުރިއަށްދާނެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ މީގެކުރިންވެސް ވިދާޅުވެފައެވެ.

ފީފާގެ މި ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޠަލާލް ވިދާޅުވީ އެފްއޭއެމް ނޯމަލައިޒްކުރުމަށް ފީފާގެ ކޮމިޓީން ނިންމި ނިންމުމަށް މަރުހަބާކިޔާ ކަމަށާއި ފީފާއިން އެކުލަވާލާ ނޯމަލައިޒިން ކޮމިޓީއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އެފްއޭއެމުގެ ނޯމަލައިޒިން ކޮމިޓީގެ މުއްދަތަކަށް ލިޔެފައިވަނީ 31 ޖުލައި އެވެ. ނަމަވެސް ކޮމިޓީއާ ހަވާލުކުރެވޭ މެންޑޭޓްގެ ތެރެއިން ކަންތައްތައް ފުރިހަމަވިހާ އަވަހަކަށް ކޮމިޓީގެ ދައުރު ހަމަވާނެކަމަށް ލިޔެފައިވެއެވެ. މި މަސައްކަތަށް ފީފާއިން ވަނީ އެއް އަހަރުދުވަހުގެ މުހުލަތެއް ނޯމަލައިޒިން ކޮމިޓީއަށް ދީފައެވެ.

ނޯމަލައިޒިން ކޮމިޓީގައި ހިމެނޭ މެމްބަރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެ މަސައްކަތްކުރަމުން އަންނަކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނޯމަލައިޒިން ކޮމިޓީގެ މެމްބަރުން ނިންމާނީ ފީފާއާއި މިކަމާ ގުޅުންހުރި އެކި ފެޑެރޭޝަންތަކުން އެކަށީގެންވާ ރަނގަޅު ރިވިއުއެއް ކުރުމަށްފަހު ކަމަށް ބަޔާނުގައިވެއެވެ.

ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން ނޯމަލައިޒިން ކޮމިޓީއަކަށް ހަވާލުކުރަން ފީފާއިން ނިންމާފައިވަނީ ފީފާ/އޭއެފްސީ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ފުޓްބޯޅައިގެ އެކިއެކި ސްޓޭކްހޯލްޑަރުންނާ އެކު ވަކިވަކިން ބޭއްވި ބައްދަލުކުރުމަށްފަހު އެވެ. ރާއްޖޭގެ ކުލަބުތަކާއި ސަރުކާރުގެ ބައެއް އިދާރާތަކާއެކު މި ޓީމާ ބައްދަލުކޮށްފައެވެ.