ޚަބަރު

ގައުމުތަކުން ބިދޭސީން ގެނެވޭ އަދަދު ކަނޑައެޅުމުގެ ބާރު ވުޒާރާއަށް!


  • މިހާރު އޮންނަ ގޮތުން އެއް ޤައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ އެއް ލައްކަ މީހުން

މަސައްކަތްތެރިންގެ ގޮތުގައި ބޭރު ޤައުމުތަކުން ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަަދަދު ކަނޑައެޅުމުގެ ބާރު އެކަމާއި ގުޅޭ ވުޒާރާއަކަށް ލިބޭ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.

ވަޒީފާއާބެހޭ ޤާނޫނު މިހާރު އޮންނަ ގޮތުން މަސައްކަތްތެރިންގެ ގޮތުގައި އެއް ޤައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ އެއް ލައްކަ މީހުންނެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ޤާނޫނަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކުންކަމަށެވެ. އަދި އެ ޤަވާއިދުގައި އަހަރެއްގެ ތެރޭގައި ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގައި އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައްވެސް ކަނޑައެޅޭނެކަމަށް އިސްލާހުގައިވެއެވެ. މިގޮތަށް ކަމެއް ކަނޑައަޅަންވާނީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމަންޓެއް ހަދައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންކަމަށްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

އެސެސްމަންޓަށްފަހު ބިދޭސީން ރާއްޖެއަށް ގެނައުމުގައި ކަންކަން ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައް:

- ޤައުމުގެ އިގްތިސާދީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް މުހިންމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިންމު ވަޒީފާތަކަށް ދިވެހިން ލިބެން ނެތުން ނުވަތަ ލިބޭ މިންވަރު މަދުވުން.
- ވަކި ދާއިރާއަކުން ދިވެހި މަސައްކަތްތެރިން ނުލިބޭނަމަ ނުވަތަ މަދުނަމަ އެ ދާއިރާގެ ތަރައްގީއަށް ކުރާނެ ނޭދެވޭ އަސަރު.
- ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމަނައިފިނަމަ ޤައުމީ ސަލާމަތާށް އަސަރުކޮށްފާނެ މިންވަރު.

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ވަޒީފާދޭ ފަރާތްތަކުން ބިދޭސީން މަސައްކަތް ކުރާނެ ވަރކް ސައިޓް ރަޖިސްޓްރީކޮށް. ހޯދަންޖެހޭ ހުއްދަތައް ހޯދައި. ކޯޓާ ހޯދަންޖެހޭނެއެވެ. އަދި ބިދޭސީ މީހާގެ ވަޒީފާދޭ ފަރާތް ނުވަތަ ވަޒީފާ އަދާކުރާ ސައިޓް ބަދަލުކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކުންކަމަށްވެސް އިސްލާހުގައިވެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ބަލައި ފާސްކުރާ އިންސްޕެކްޓަރުންނަށް ލިބިގެންވާ ބާރުތައްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ނޯޓިސް ދިނުމަކާ ނުލައި ވަރކްސައިޓަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު އެ އިންސްޕެކްޓަރުންނަށް ލިބެއެވެ. ނަމަވެސް އެއީ މީހުން ދިރުއުޅޭތަނެއްނަމަ އެތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ޤާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގެ ދަށުން ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމާއި ވަރކް ސައިޓް ބަންދުކުރުމާއި އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުން އަދި އެ ބިދޭސީ މީހާއަށް ވަޒީފާދޭ ފަރާތުގެ ހުއްދަ ބާތިލުކުރުމުގެ ބާރު އެއިރެއްގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއަކަށް ލިބެއެވެ.

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާއްމުކުރުމަށްފަހު، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. އަދި ތަކުރާރުކޮށް އިހުމާލުވާނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން ގަވާއިދުގެ ދަށުން ކަނޑައަޅާ މުއްދަތަކަށް އެ ފަރާތަކަށް ދޭ ޚިދުމަތްތައް ހުއްޓާލުމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.