ޚަބަރު

ހުޅުމާލޭ ހާފްވޭ ހައުސްގެ ޚިދުމަތްތައް ފުޅާކޮށް، އައުޓްޕޭޝަންޓް ޚިދުމަތް ފަށަނީ


  • މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާދިނުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ހާފްވޭ ހައުސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެތަނުގައި އައުޓް ޕޭޝަންޓް ކްލިނިކްގެ ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ނައިބު އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ވަނީ މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ލުބްނާ ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާގެ ދާއިރާ ހަރުދަނާކުރުމަށް ވޭތުވެދިޔަ 13 ވަރަކަށް އަހަރު އެކަށީގެންވާ ޚަރަދުތަކެއް ކުރެވިފައިނުވާކަމަށެވެ. އެހެންކަމުން ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަރުވާގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް މިއަހަރުތެރޭގައި ގެނައުންކަން ލުބްނާ ފާހަގަކުރެއްވިއެވެ.

ލުބްނާ ވިދާޅުވީ، މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ހާފްވޭ ހައުސްގެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެ ތަނުގައި އައުޓް ޕޭޝަންޓް ޚިދުމަތް ފެށުމަށް ނިންމާފައިވާކަމަށް ލުބްނާ ވިދާޅުވިއެވެ.

"ބޯޑުން ވަނީ މިހާރު ނިންމާފައި ހުޅުމާލޭ ހާފްވޭ ހައުސްގައި ފަރުވާއަށް އައުޓްޕޭޝަންޓު ކްލިނިކްގެ ޚިދުމަތް ފެށުމަށް. އޭގެ މާނައަކީ ޢައިލާކައިރީގައި ތިބެގެން ވަކި ގަދިތަކެއްގައި ގޮސް ބޭނުންވާ ފަރުވާ ކުރިއަށްގެންދެވޭނެ ނިޒާމެއް ޤާއިމުކުރުން." ލުބްނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކި، އެކަން ޙައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ވިދާޅުވެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫވާ މައްސަލަ ހައްލުކުރުމަށް ބަންޑާރަ ނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން މަސައްކަތް ކުރަމުންދާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އެގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަނެވިފައިވާއިރު އެ އިސްލާހުތައް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.