ޚަބަރު

ރައީސް ޞާލިޙްގެ ދަތުރުފުޅެއްގެ މައުލޫމާތު ޙިއްސާ ކުރެއްވުމަށް ބަންޑާރަ ނައިބު ލަފާ އަރުވައިފި


ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގެ މައުލޫމާތު ހައިކޯޓުން ނިންމަވާފައިވާ ގޮތުގެމަތިން، އެ މަޢުލޫމާތު ހޯދަން އެދުނު ފަރާތަށް ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަ ނާއިބު ލަފާއަރުވައިފިއެވެ.

ކުރީގެ ރައީސް ސާލިޙު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ސަރުކާރުން ކުރި އެންމެހައި ޚަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީ، ހޯދުމަށް މީހަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅިއެވެ. އަދި އެ މަޢުލޫމާތު އެދުނު ފަރާތާ ޙިއްޞާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމިއެވެ.

މައުލޫމާތު ހޯދަން އެދުނު ފަރާތާ ރައީސް އޮފީހުން އެ މައުލޫމާތުތައް ހިއްސާކުރި ނަމަވެސް އޭރު ރައީސް އޮފީހުން އެ މައުލޫމާތު ދެއްވީ ޚަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީ ނުހިމެނޭ ގޮތަށެވެ.

ރަސީދުތައް ހިއްސާ ނުކުރުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އޭރު ނިންމީ އެ މައުލޫމާތުތައް ރައީސް އޮފީހުން ހިއްސާ ކުރަންޖެހޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި 20 މާރިޗު 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އޭރު މައްސަލަ ހުށަހެޅިއެވެ. އަދި އެ މައްސަލަގައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައެޅިއެވެ. އެ ނިންމުން އިސްތިއުނާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިވަޑައިގަތުމުން، 7 ޖުލައި 2023ގައި ސުޕްރީމް ކޯޓުގައި އެ މައްސަލަ ބަންޑާރަނައިބުގެ އޮފީހުން އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުގެ ނިންމެވުން އަލުން ދިރާސާކުރުމަށްފަހު، ސުޕްރީމް ކޯޓުން ބައްލަވަމުންގެންދަވާ އެ މައްސަލަ އަނބުރާ ގެންނަން ނިންމަވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. އެ ނިންމުމާ އެއްގޮތަށް މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކޮށްދެއްވުން އެދި ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ބަންޑާރަނައިބުގެ އޮފީހުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތުގެމަތިން، އެ މަޢުލޫމާތުތައް މަޢުލޫމާތަށް އެދުނު ފަރާތަށް ޙިއްޞާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލަފާއަރުވާފައެވެ.