ޚަބަރު

ނިރުބެރި ޖަމާޢަތްތަކުގެ ލިސްޓުގައި ފަލަސްޠީނަށް އެހީވާ އދގެ އިދާރާ ހިމަނަން ޔަހޫދީން މަސައްކަތް ފަށައިފި


ފަލަސްޠީނުގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާއަކީ ނިރުބަވެރިންގެ ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލިސް, ކްނެސެޓުގައި މަސައްކަތް ފަށައިފިއެވެ. ެެ ކަމާ ގުޅޭ ގޮތުން ކްނެސެޓަށް ހުށަހަޅާފައިވާ ބިލުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އުންރްވާއަކީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ވާގިވެރިވާ އިދާރާއެކެވެ. އަދި, އުންރްވާއާ ދެމެދު ބާއްވަމުންދާ ގުޅުންތައް ކަނޑައިލުމަށް ވެސް ކްނެސެޓަށް ހުށަހަޅާފައިވާ ބިލުގައި ހިމަނާފައިވެއެވެ.

ޢެއީ, އެ އިދާރާއަކީ ނިރުބަވެރިންނަށް އެހީތެރިވާ ޖަމުޢިއްޔާއެއް ކަމަށް ޔަހޫދީން ތުހުމަތު ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް 2023 އޮކްޓޫބަރު 7ގައި ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހިންގި އަސްކަރީ ހަރަކާތްތަކުގައި އިދާރާގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކޮށް, އޭގެ ކުރިން ވެސް ޔަހޫދީ އެ އިދާރާގެ އަގު ވައްޓައިލަން މަސައްކަތް ކޮށްފައިވެއެވެ.

އދގެ އިދާރާއަކީ ނިރުބަވެރި ޖަމާޢަތެއް ކަމަށް ކަނޑައެޅުމަށް ކްނެސެޓަށް ހުށަހަޅާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު, އެ ބިލު އިތުރަށް ދިރާސާ ކުރުމަށް ކްނެސެޓުގެ ޚާރިޖީ ގުޅުންތަކާއި ދިފާޢާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ކްނެސެޓަށް ބިލު ހުށަހެޅި ހައްދުފަހަނަ އެޅި މެންބަރު ޔޫލިޔާ މެލިނޮވްސްކީ ތުހުމަތު ކުރި ގޮތުގައި އުންރްވާއަކީ ޔަހޫދީންގެ ދަޢުލަތާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ދުޝްމަނެކެވެ.

ނަމަވެސް, ޙަޤީޤަތަކީ އދގެ އިދާރާއަކީ އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އދގެ އިދާރާއެއް ކަމެވެ. ޔަހޫދީންގެ އަޅުވެތި ކަމުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ މުސްލިމުންނަށް ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފޯރު ކޮށްދިނުމަށް އެ ޖަމާޢަތުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން އުރުދުނާއި, ލުބްނާނާއި ސޫރިޔާގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނަށް ވެސް އެ އިދާރާއިން ދަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާން ފެށުމަށް ފަހު ޔަހޫދީން ވަނީ އެ އިދާރާ އުވައިލަން ވެސް މަސައްކަތް ފަށާފައެވެ. "[ކްނެސެޓުގައި ބަހުސް ކުރަމުންދާ ބިލަކީ] އުންރްވާ އުވައިލަން ޔަހޫދީން ހިންގަމުންދާ ކެމްޕޭނުގެ ބަޔެއް. މިއީ, އދގެ ދިގު ތާރީޚުގައި ދުވަހަކު ވެސް ފެނިފައިވާ ފަދަ މަންޒަރެއް ނޫން،" އެ އިދާރާގެ ތަރުޖަމާނު ޖޫލިޔެތް ތޫމާ ވިދާޅުވިއެވެ.

އދގެ އިދާރާގެ ބައެއް މުވައްޒަފުންނަކީ ޙަމާސް އަދި އިސްލާމިކް ޖިހާދުގެ މެންބަރުން ކަމަށް ޔަހޫދީން ތުހުމަތު ކުރި ނަމަވެސް, އެ ކަން ސާބިތު ކޮށްދެވޭނެ އެއްވެސް ހެއްކެއް ޔަހޫދީންނަށް ދެއްކިފައެއް ނުވެއެވެ. ނަމަވެސް, އެ ތުހުމަތުތަކާ އެކު, ޔަހޫދީންގެ މަދަދުގާރުންގެ ތެރެއިން އުންރްވާއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ބައެއް ޤައުމުތަކުން އެހީ ދިނުން މެދުކަނޑައިލިއެވެ. ޔަހޫދީންގެ ތުހުމަތުތަކަކީ ދޮގެއް ކަން ހާމަވުމާ އެކު އޭގެތެރެއިން ގިނަ ޤައުމުތަކުން ވަނީ އުންރްވާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން އަލުން ފަށާފައެވެ.

އދގެ އިދާރާއެއް ނިރުބަވެރިި ޖަމާޢަތްތަކުގެ ލިސްޓުގައި ހިމަނަން ޔަހޫދީން ކުރަމުންދާ މަސައްކަތްތައް ޙަމާސް ޖަމާޢަތާއި, ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ން ވަނީ ކުށްވެރި ކޮށްފައެވެ. ޕީއޭ ސަރުކާރުގެ ރައީސް މަޙްމޫދު އައްބާސްގެ އަރިސް ބޭފުޅެއް ކަމުގައިވާ ޙުސައިން މުޙައްމަދު އަލް-ޝައިޚް ވަނީ އުންރްވާ އުވައިލަން ޔަހޫދީން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ.