ޚަބަރު

ބަންގްލަދޭޝްގައި ތިބި 99 ދިވެހިންގެ ހާލު ސަރުކާރުން ދަނީ ގާތުން ބަލަމުން: ޚާރިޖީ ވުޒާރާ


  • ޗިޓަގޮންގްގައި 75 ދަރިވަރުން އެބަތިބި

ބަންގްލަދޭޝްގައި ތިބި 99 ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށާއި ދަރިވަރުންގެ ހާލު ސަރުކާރުން ދަނީ ގާތުން ބަލަމުންދާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވުޒާރާ އިން ދަނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެޤައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅިގެން ބަލަމުންނެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މިވަގުތު ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައ ހާލުބަލަމުން ކަމަށެވެ.

އެ ދަރިވަރުންނާއެކު، ބަންގްލަދޭޝުގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން މަޢުލޫމާތު ދެއްވި ކަމަށް ވެސް އެ ވުޒާރާ އިން ވިދާޅުވިއެވެ.

ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން، ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިހާރު ވަނީ އެހެން ސަރަޙައްދަކަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި، ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނިކުމެ އުޅުމުގައި ލުއި ގޮތްތައް ހައިކޮމިޝަން މެދުވެރިވެގެން ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެ ވުޒާރާ އިން ވިދާޅުވިއެވެ.

ވުޒާރާ އިން ވަނީ ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑަރ ހުރަސްކުރުމުގައި އެހީތެރިކަމަށް އެދުމުން ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ މީގެ ކުރިން، އެކަމުގައި އެހީތެރިކަން ފޯރޮކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ބަންގްލަދޭޝުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވުޒާރާއިން މިއަންނަނީ ބަންގްލަދޭޝް ސަރުކާރާއި ވާހަކަ ދައްކައި ވަރަށް ގާތުން މަސައްކަތްކުރަމުން. މިގޮތުން، ފޮރިން ސެކްރެޓަރީ، ފާތިމަތު އިނާޔާ ވަނީ ބަންގްލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ރިއަރ އެޑްމިރަލް ޝެއިޚް އަބްދުލް ކަލާމްއާޒާދާއި މިއަދު ބައްދަލުކުރައްވައި، ބަންގްލަދޭޝުގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވައި، ބަންގްލަދޭޝުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި" ކާރިޖީ ވުޒާރާ އިން ވިދާޅުވިއެވެ.

މިވަގުތު ބަންގްލަދޭޝުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އެ ޚާރިޖީ ވުޒާރާ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު:

ގުޅޭނެ ނަންބަރު: +880 1329 748 885 / +880 1708 120 318

އީމެއިލް އެޑްރެސް: [email protected]

އަދި މީގެއިތުރުން، އެ ވުޒާރާގެ ހޮޓްލައިން ނަންބަރ 7983400 އަށް ގުޅޭނެ ކަމަށް ވެސް ޚާރިޖީ ވުޒާރާ އިން ވިދާޅުވިއެވެ.