ޚަބަރު

ރާއްޖެއާ ސިޑްކާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި


  • ސިޑްކާގެ އެހީގައި މާލެ މަގުތައް ތަރައްޤީ ކުރަން ފީސިބިލިޓީ ސްޓަޑީ ހަދާނެ

ރާއްޖެއާއި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ) އާއި ރާއްޖެއާ ސިޑްކާ އާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރުއާއި އޭޖެންސީގެ ޗެއަރމަން ލުުއޯ ޖާއޮހުއިއާ ދެބޭފުޅުން މަޝްވަރާކުރައްވައިފިއެވެ.

ޚަރީޖީ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސިޑްކާގެ ޗެއަރމަން ލުުއޯ ޖާއޮހުއިއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިއްމު މަޝްރޫޢުތަކާގުޅޭ ގޮތުން މަޝްވަރާކުރައްވައި، ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަދާހަމަ ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސިޑްކާ އާދެމެދު އޮތް ގުޅުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި، ސިޑްކާގެ އެހީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިބައްދަލުވުމުން ނިންމަވާލައްވަމުން، ސިޑްކާ އާއެކު ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަޤްބަލުގައި ދެޤައުމަށް ފައިދާހުރި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެފަރާތުން އެރުވިއެވެ.

މި ބައްދަލުވުމަށް ފަހު މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ފީސިބިލިޓީ ސްޓަޑީ ހެދުމަށް ސިޑްކާއާއި އެކު ލެޓަރ އޮފް އެކްސްޗޭންޖުގައި ވަނީ ސޮއިކޮށްފައެވެ.

ސިޑްކާއާއި އެކު ބޭއްވި ބައްދަލުވުމުގެ އިތުރުން ޗައިނާގެ ދެ ބޭންކަކާއިވެސް ޚަރިޖީ ވަޒީރު ވަނީ ބައްދަލު ކުރައްވާފައެވެ. އެގޮތުން ފުރަތަމަ ބައްދަލު ކުރައްވާފައިވަނީ އެކްސްޕޯޓް-އިމްޕޯޓް ބޭންކު އޮފް ޗައިނާ، އެގްޒިމް ބޭންކާއެކު މަޝްވަރާކޮށްފިއެވެ. ޗައިނާގެ އެގްޒިމް ބޭންކުގެ ޗެއަރމަން ވޫ ފުލިންއާ ބައްދަލުކުރައްވާ ރާއްޖޭގެ އެންމެ އިޤްތިޞާދީ އަދި މާލީ ހާލަތާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ވަޒީރު އެ ބޭންކުގެ ޗެއަރމަންއާ ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދަން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު، (އޭއައިއައިބީ) އާއިވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ގްރޭޓަރ މާލޭ ވޭސްޓް އެނަރޖީ ޕްރޮޖެކްޓަށް ބޭންކުން ވެދީފައިވާ އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ ބިނާކުރުމާއި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތްތަކާ ބެހޭގޮތުންވެސް ވަޒީރު ވަނީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ ރައީސާއެކު މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ބައިވެރިވެވަޑައިގަންނަވައެވެ.

3 ވަޒީރުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިމަހުގެ 20 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.