ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ނޭޕާލުން ހޯދައިފިއެވެ.
މުބާރާތުގެ ތިންވަނަ ނޭޕާލުން ހޯދީ މިއަދު ހަވީރު ކުޅުނު ތިންވަނަ ހޮވާ މެޗުގައި ރާއްޖޭގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-15، 10-25 އަދި 14-25 އިންނެވެ.
މި މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނީ ކުރީގެ ތިން މެޗަށްވުރެ ރަނގަޅު ކުޅުމެކެވެ. އަދި އެހެން މެޗުތަކާ ހިލާފަށް މި މެޗުގައި ރާއްޖެއިން ހޯދި ޕޮއިންޓުގެ އަދަދުވެސް ގިނަކަން ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މި ސެޓުގެ ވަކި ހިސާބަކުން ނޭޕާލުން ވަނީ ރާއްޖޭގެ މައްޗަށް ބޮޑު ލީޑެއް ނަގާފައެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް ނޭޕާލުން މި ސެޓުގެ ކޮންޓްރޯލް ނެގިއެވެ. ނަމަވެސް ރާއްޖެއިން ވަނީ މި ސެޓުގެ ވަކި ހިސާބަކުން އަނެއްކާވެސް ލީޑު ހޯދާފައެވެ. ނަމަވެސް އެ ލީޑު ދެމެހެއްޓޭގޮތެއް ނުވިއެވެ.
ދެވަނަ ސެޓުގައި ރާއްޖޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ނޭޕާލުން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. މި ސެޓު ފަށައިގެންވެސް ނޭޕާލުން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. އަދި ތިންވަނަ ސެޓުގައިވެސް ނޭޕާލުން ވަނީ ފަސޭހަކަމާއެކު ރާއްޖޭގެ މައްޗަށް ކުރި ހޯދާފައެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ތިންވަނަ ނޭޕާލަށް ލިބުނުއިރު ހަތަރުވަނަ ލިބުނީ ރާއްޖެއަށެވެ. މުބާރާތުގެ އެއްވަނަ އަދި ދެވަނަ ކަނޑައެޅިގެންދާނީ މިރޭ ކުޅޭ ފައިނަލް މެޗުންނެވެ، މުބާރާތުގެ ފައިނަލް މެޗުގައި މިރޭ ބައްދަލުކުރާނީ ކިރްގިސްތާނާއި ސްރީ ލަންކާއެވެ.