އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، އައިކޮމްއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެކޮޅަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވަނީ ނިިމިދިޔަ ސަރުކާރާއި ގުޅޭ މައްސަލައެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އައިކޮމްއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެކޮޅަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވަނީ އައިކޮމްގެ ނިންމުމަކަށް ރައީސް އޮފީހުން އަމަލު ނުކުރެއްވިކަމަށް ބުނާ މައްސަލައެކެވެ. އެއީ ކޯވިޑް ވެކްސިނާއި ގުޅޭ މައުލޫމާތު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅި މައްސަލައެކެވެ. އެ މައުލޫމާތު ހާމަ ނުކޮށްގެން މައްސަލަ އައިކޮމްއަށް ހުށަހަޅުމުން އައިކޮމްއިން ވަނީ އެ މައުލޫމާތު ހާމަކުރެއްވުމަށް ރައީސް އޮފީހަށް އަންގަވާފައެވެ.
މިމައްސަލައާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއި ގުޅޭ މައްސަލައެއް ނޫންކަމަށެވެ. އަދި މިއީ 2022 ވަނަ އަހަރު އޭރު އޮތް ސަރުކާރުން މައުލޫމާތު ހާމަނުކޮށްގެން ހުށަހެޅުނު މައްސަލައެއްކަން ހީނާ ފާހަގަކުރެއްވިއެވެ.
ޕީޖީ އޮފީހަށް އެ މައްސަލަ ހުށަހެޅުމާއި ގުޅިގެން އެ އޮފީހުން ވަނީ މިމައްސަލައިގައި ޖިނާއީ ކުށުގެ ޢަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބަލައި، ޤާނޫނުގައިވާ ގޮތުގެ މަތިން ތަޙްޤީޤު ކުރުމަށް ފުލުހަށް ހުށަހަޅާފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލު ނުކޮށް 45 ދުވަސް ފާއިތުވެއްޖެނަމަ، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެއެވެ.