ޚަބަރު

ކާރިސާތަކުގެ އިންޒާރުދޭ ނިޒާމެއް ޤާއިމްކުރަން މަގުޗާޓެއް އެކުލަވާލައިފި


  • ދުރާލާ ކާރިސާތަކުގެ އިންޒާރުދޭ ނިޒާމާބެހޭ ވަރކްޝޮޕެއް ފަށާފައިވޭ

  • ދުރާލާ އިންޒާރު ދިނުމުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ

ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރަން ދިވެހިރާއްޖެއިން މަގުޗާޓެއް އެކުލަވާލައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ހިމެނޭހެން އެންމެން ޝާމިލްވާނެ ގޮތަކަށް ކާރިސާތަކުގެ އިންޒާރުދެވޭ ނިޒާމެއް ޤާއިމްކުރުމުގެ ޕްރޮގުރާމެއް 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ކުރިއަށްދިޔަ ކޮޕް ސަމިޓުގެ ތެރެއިން ވަނީ އިފްތިތާޙްކޮށްފައެވެ.

"އަރލީ ވާނިން ފޯ އޯލް އިނިޝިއޭޓިވް"ގެ ނަމުގައި އިފްތިތާޙްކޮށްފައިވާ މި ޕްރޮގުރާމުގެ ބޭނުމަކީ މުޖުތަމަޢުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކާރިސާތަކުގެ އިންޒާރު ދުރާލާ ދެވޭނެ ހަރުދަނާ ނިޒާމެއް ޤައުމުތަކުގައި ޤާއިމްކުރުމެވެ. މި ނިޒާމު ޤާއިމްކުރުމަށް ކޮންމެ ޤައުމެއްގައިވެސް މަގުޗާޓެއް އެކުލަވާލަން ވަނީ ކޮޕް ސަމިޓުގެ ތެރެއިން ނިންމާފައެވެ. މިގޮތުން މި މަގުޗާޓު އެކުލަވާލަން ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ޑިޒާސްޓަރ ރިސްކް ރިޑަކްޝަނުން ކަނޑައެޅި ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން "ޓްރެރިނިން ވަރކްޝޮޕް އޮން އިންކްލޫސިވް ކޮމިޔުނިކޭޝަން ފޯ މޯލްޑިވްސް އާލީ ވާނިން ސިސްޓަމްސް"ގެ ނަމުގައި ވަރކްޝޮޕެއް ވަނީ ފަށާފައެވެ. މި ވަރކްޝޮޕް ކުރިއަށްގެންދަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއާއި މޫސުމާބެހޭ ޤައުމީ އިދާރާއާ ގުޅިގެންނެވެ.

ވަރކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެންޑީއެމްއޭގެ ސެކްރެޓަރީ ޖެނެރަލް ސަފީނާޒް ޙަސަން ވިދާޅުވީ އެންމެން ޝާމިލްވާނެ ގޮތަކަށް ކާރިސާތަކުގެ އިންޒާރުދެވޭ ނިޒާމެއް ޤާއިމްކުރަން އިފްތިތާޙްކޮށްފައިވާ ޕްރޮގުރާމްގެ މަސައްކަތް އޭޝިޔާ ސަރަހައްދުގައި ފަށާ ފުރަތަމަ ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އަދި އީޑަބްލިޔުފޯއޯލްގެ ދަށުން ހަދާ މަގުޗާޓު އެކުލަވާލާ ފުރަތަމަ ޤައުމަކީވެސް ރާއްޖެކަން ސަފީނާޒް ފާހަގަކުރެއްވިއެވެ.

ސަފީނާޒް ވިދާޅުވީ އޭޝިޔާގެ ގިނަ ޤައުމުތަކަށް ޤުދުރަތީގޮތުން ތަފާތު ކާރިސާތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އާލީ ވާނިން ސިސްޓަމް ނުވަތަ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާވުމުން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭހެން މުޖުތަމަޢުގެ އެންމެންނަށްވެސް ކާރިސާތަކުގެ އިންޒާރު ދުރާލާ ދެވޭނެ ނިޒާމެއް ޤާއިމްކުރުމާ ބެހޭގޮތުން ވަރކްޝޮޕްގެ ބައިވެރިންނަށް މަޢުލޫމާތު ދެވޭނެކަމަށް ސަފީނާޒް ވިދާޅުވިއެވެ.

"ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަކީ އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއްދޭ ކަމެއް. މިކަން ކުރުމަށް ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ކާރިސާތަކުގެ އިންޒާރު ދުރާލާ ދެވޭނެ ނިޒާމެއް ޤާއިމްކުރެވެންޖެހޭ." ސަފީނާޒް ވިދާޅުވިއެވެ.

އިންކްލޫސިވް ކޮމިޔުނިކޭޝަން ފޯ މޯލްޑިވްސް އަރލީ ވާނިން ސިސްޓަމްސް ވަރކްޝޮޕް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ 2 ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން ވަރކްޝޮޕް ކުރިއަށްދާނީ މިމަހުގެ 23 އިން 24 އަށެވެ. މި ވަރކްޝޮޕްގައި ކަމާގުޅޭ އިދާރާތަކުގެ 50 މުވައްޒަފުން ބައިވެރިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.