ޚަބަރު

ބިންވެރިޔާ ސްކީމުގެ ދަށުން އިތުރު 18 ގޯތި ވެރިފަރާތާ ހަވާލުކޮށްފި


  • ބިންވެރިޔާ ސްކީމުގެ ދަށުން މިހާތަނަށް 624 ގޯތި ވަނީ ހަވާލުކޮށްފައި

  • މިސްކީމުގެ ދަށުން 9001 ގޯތި ދޫކުރަންވަނީ ނިންމާފައި

ބިންވެރިޔާ ސްކީމުގެ ދަށުން އިތުރު 18 ގޯތި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއާއެކު މިހާތަނަށް 624 ގޯތި ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށް ބިން ދޫކުރަން ފަށައި އެމަސައްކަތް އޮތީ ހުއްޓިފައެވެ. އަދި ސަރުކާރު ބަދަލުވުމާއި ގުޅިގެން މިމަޝްރޫއު ދެން ކުރިއަށް ނުގެންދާނެ ކަމަށް ބުނެ އަޑުތައް ފެތުރިފައިވަނިކޮށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ފަރާތްތަކަށް އަލުން ބިން ކަނޑާ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައި ފަށާފައެވެ.

މިސްކީމުގެ ދަށުން މިހާތަނަށް 624 ގޯތި ހަވާލުކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ 2023 ވަނަ އަހަރު ހަވާލުކުރި 465 ގޯއްޗާއި މިއަހަރުގެ މިހާތަނަށް ހަވާލުކުރި 159 ގޯއްޗެވެ. މިހުރިހާ ގޯތިތައްވެސް ދޫކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިމަޝްރޫޢުގައި ޖުމްލަ 9001 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅުންވެސް ބައެއް ފަރާތްތަތަކަށް ގޯތި ހަވާލުކޮށްފައިވެއެވެ. ނަމަވެސް ގުޅިފަޅުގެ ކުރީގެ ޕްލޭންގައި އާއްމު ޚިދުމަތްތަކާ ވަސީލަތްތައް ޤާއިމުކުރަން ބިން ކަނޑައަޅާފައި ނެތުމުގެ ސަބަބުން މިސަރުކާރުންވަނީ ގުޅީފަޅުގެ ޕްލޭން އަލުން އިސްލާހުކޮށްފައެވެ. މިއާއެކު މިހާރު ގޯތި ހަވާލުކޮށްފައި އަދި ދޫކޮށްފަ ހުރި ޕްލޮޓްތަކަށް ބަދަލު އަންނާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު މީގެކުރިންވަނީ ވިދާޅުވެފައެވެ.

ބިންވެރިޔާ ސްކީމްގައި ދޫކުރަން ނިންމީ ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯއްޗެވެ. ނަމަވެސް ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 1096 ގޯތި، ސަރުކާރުން މިހާރު ވަނީ ގުޅިފަޅަށް ބަދަލުކޮށްދީފައެވެ.