ޚަބަރު

ސެމީގައި ލަންކާ އަތުން ބަލިވެ ރާއްޖެ ތިންވަނަ ހޮވާ މެޗަށް


ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ 20 އަހަރުން ދަށުގެ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ސްރީ ލަންކާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ލަންކާ ވާދަކޮށްފައިވަނީ ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ރާއްޖެ ވާދަކޮށްފައިވަނީ ހަތަރުވަނައިގައި ހިމެނިފައިވުމުންނެވެ.

މެޗުގެ ސެޓުތައް ލަންކާއިން ކާމިޔާބުކޮށްފައިވަނީ 25-09 ، 25-08 އަދި 25-07 އިންނެވެ. މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނީ އެންމެ ފަހުން އެ ޓީމު ކުޅުނު ތިން މެޗުގައި ފެނުނު ކުޅުމަށްވުރެ ދަށް ކުޅުމެކެވެ.

ފުރަތަމަ ސެޓު ފަށައިގެންވެސް ލަންކާއިން ވަނީ އެއްވަރެއްގައި ކުޅެފައެވެ. ރާއްޖޭގެ ޓީމުން ހޯދި ޕޮއިންޓުތަކުގައި މާޔާގެ ދައުރު ފާހަގަކޮށްލެވެއެވެ. ފުރަތަމަ ސެޓު ލަންކާއިން ކާމިިޔާބުކޮށްފައިވަނީ 25-09 އިންނެވެ. ދެވަނަ ސެޓުގައިވެސް ފެނުނީ ފުރަތަމަ ސެޓެކޭ އެއްގޮތަށް ލަންކާއިން މެޗު ޑޮމިނޭޓުކޮށްގެން ކުޅުނު ތަނެވެ. މި ސެޓު ލަންކާއިން ކާމިޔާބުކުރީ 25-08 އިންނެވެ. އަދި ތިންވަނަ ސެޓުގައި ފެނުނީ ފުރަތަމަ ދެ ސެޓަށްވުރެ ދަށް ކުޅުމެކެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-07 އިންނެވެ.

މެޗަށްފަހު މުބާރާތުގެ މެޗު އޮފިޝަލުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ކިރްގިސްތާނާއި ނޭޕާލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާާއެވެ. ތިންވަނަ ހޮވާ މެޗު ކުޅޭނީ މާދަމާ ހަވީރެވެ.