ޚަބަރު

ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި


  • "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަގީންކަންވަނީ ދެއްވާފައި

  • ޗައިނާއަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މުހިންމު އަދި ޒަމާންވީ ބައިވެރިއެއް

ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފިއެވެ. މިވާހަކަތައް ބާއްވާފައިވަނީ ޗައިނާގެ ސްޓޭޓް ގެސްޓް ހައުސްގައެވެ.

މިވާހަކަތައް ބާއްވާފައިވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިމަޝްވަރާތަކުގައި މިނިސްޓަރ ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ރައީސް އަދި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ޝީ ޖިންގޕިންގއަށް ފޮނުއްވެވި ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި ޗައިނާގެ ޚާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުވާފައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކުރިޔަށް ދިޔަ މި މަޝްވަރާތަކުގައި، ޚާރިޖީ ވަޒީރު ޒަމީރު ވަނީ ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިމަޝްވަރާތަކުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައިވަނީ މަޝްވަރާކުރައްވާފައެވެ. ޗައިނާއަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މުހިންމު އަދި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ޒަމީރުވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ އިޤްތިޞާދީ މުހިންމު ބޮޑެތި މަޝްރޫޢުތައްކަމަށްވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޗައިނާ ސަރުކާރުން ދެއްވާފައިވާ އެހީތެރިކަން ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މާލީ އިސްލާޙުތަކާގުޅޭ މަޢުލޫމާތު ވަޒީރުވަނީ ޗައިނާގެ ފޮރިން މިނިސްޓަރާ ޙިއްސާކުރައްވާފައެވެ. އަދި މިމަސައްކަތުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި ދެ ޤައުމުންވެސް ވަނީ ދެ ޤައުމު ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޔަޤީންކަން އައު ކުރައްވައި، ކުރިޔަށް އޮތް ތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް އެއްބަސްވެފައެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ އަރިހުގައި ، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު އާއި، އިމާރާތް ކުރުމާއި ބިނާރާ ބެހކޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބްގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި، ބެއިޖިންގގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.