ޚަބަރު

އިންޓަރނޭޝަނަލް އިސްލާމިކް ލިކިއުޑިޓީ މެނޭޖްމަންޓްގެ ބައްދަލުވުން


އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ކުރިޔަށްދާ، އިންޓަރނޭޝަނަލް އިސްލާމިކް ލިކިއުޑިޓީ މެނޭޖްމަންޓްގެ ތިންވަނަ މަޝްވަރާ ބައްދަލުވުމުގައި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑުން ބައިވެރިވެއްޖެއެވެ. މިބައްދަލުވުމުގައި ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ބޭނުން ކުރެވިދާނެ ލިކިއުޑިޓީ މެނޭޖްމަންޓް އިންސްޓްރޫމަންޓް ތަކާއި ބެހޭގޮތުން ކަރުދާހެއް ހުށަހެޅޭނެކަމަށް އެމްސީއައިއެފްއިން މަޢުލޫމާތުދެއްވައެވެ. އެގޮތުން މިކަރުދާސް ހުށަހަޅުއްވައި ދެއްވާނީ މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑުގެ ޗެއަރޕަރސަން ޑރ. ޢާއިޝަތު މުނީޒާކަމަށް އެމްސީއައިއެފުން މަޢުލޫމާތުދެއްވައެވެ.

މިއީ އިންޓަރނޭޝަނަލް ލިކިއުޑިޓީ މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މިފަދަ ތިންވަނަ ރައުންޑްޓޭބަލް ލިކިއުޑިޓީ މެނޭޖްމަންޓް ބައްދަލުވުމެވެ. މޭ މަހުގެ 19 އިން 20 އަށް ކުރިއަށްދާ މި މަޝްވަރާބައްދަލުވުމަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ބޭނުންކުރުމަށް، ފެންވަރު ރަނގަޅު ކުރުރާސްތާގެ ލިކިއުޑިޓީ އިންސްޓްރޫމަންޓްތައް ތަރައްޤީކުރުމަށްޓަކައި ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ދުނިޔޭގެ އިސްލާމިކް ފައިނޭންސްދާއިރާގެ ފުންނާބުއުސް ތަޖުރިބާކާރުން ބައިވެރިވެ ކަރުދާސް ހުށަހަޅުއްވާނެއެވެ.

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ދީދީ ވިދާޅުވިގޮތުގައި، މި މަޝްވަރާ ބައްދަލުމުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ބޭންކް ތަކާއި އިސްލާމީ ފައިނޭންސްގެ ޚިދުމަތްދޭ އެހެނިހެން ފަރާތްތަކަށް ލިކިއުޑިޓީ މެނޭޖްކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުލިބިގެންދާނެއެވެ.

ދެ ދުވަހަށް ދެމިގެންދާ މި މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ލިކިއުޑިޓީ މެނޭޖްމަންޓް ކޯޕަރޭޝަންގެ ސީ.އީ.އޯ އަދި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރ ޕްރޮފެސަރ ދާތުކް ރިފާތު އަޙްމަދު ޢަބްދުލް ކަރީމް އެވެ.