ޚަބަރު

ކުޅިވަރުގެ ކުރިއެރުމަށް ބޭނުންވަނީ ނަޒާހާތްތެރިކަމާއި ތެދުވެރިކަން: ވަޒީރު ރާފިޢު


  • ކުޅިވަރުގައި ނަޒާހާތްތެރިކަން ކުރިއަރުވަން ކެމްޕެއިނެއް ލޯންޗުކުރި

  • ކެމްޕެއިންގެ ދަށުން ހޭލުންތެރިކުރުވުމުގެ އިތުރުން ދިރާސާއެއް ހަދާނެ

ކުޅިވަރުގެ ކުރިއެރުމަށް ނަޒާހާތްތެރިކަމާއި ތެދުވެރިކަމާއި އިންސާފު ބޭނުންވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕްރޮމޯޓިން އެންޓި-ކޮރަޕްޝަން، އޮނެސްޓީ އެންޑް އެކައުންޓެބިލިޓީ އިން ސްޕޯޓްސް، ޕަޗަސް ކެންޕެއިން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޅިވަރުގެ މައިދާނުގައި ނަޒާހާތްތެރިކަމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ ކުޅިވަރު ކުރިއެރުވޭނީ އެސޯސިއޭޝަންތަކާއި މުއައްސަސާތަކުގައި ހިނގާ ކޮރަޕްޝަންގެ ކަންކަން ނައްތާލެވިގެން ކަމަށެވެ. އަދި ކުޅުންތެރިންނަށް ފުރުޞަތު ދިނުމުގައްޔާއި ކުޅުމުގައި އިންސާފުވެރިކަން އިސްކުރެވިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އިންސާފުވެރިކަމާއެކު ކުޅިވަރުގެ ތެރެއިން އެންމެންނަށްވެސް ފުރުޞަތުތައް ފަހިކޮށްދީގެން ކުޅިވަރުގެ މައިދާނުގައި ނަޒާހާތްތެރިކަން ކަށަވަރުކުރެވޭނީ. ކުޅިވަރެއް ކުރިނާރާނެ މުއައްސަސާތަކާއި އެސޯސިއޭޝަންތައް ކޮރަޕްޝަންގެ ސަބަބުން އިނދަޖެހެމުންދަންޏާ. ކުޅިވަރު ކުރިއެރުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރުގެ މައިދާނުން ކޮރަޕްޝަން ނައްތާލަންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ކޮރަޕްޝަންގެ އެތައް ކަމެއް ފާހަގަވެފައި އެބަހުރި ކަމަށެވެ. އަދި ކުޅިވަރަކީ ޤައުމުގެ އެއްބައިވަންތަކަމާއި ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮކޮށްދޭ އެންމެ މުހިންމު އެއް އަސާސްކަން ޝާމިލް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުޅިވަރުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނީ ނަޒާހާތްތެރިވެގެންކަމަށް ޝާމިލް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ އެންމެ އަސާސީ އެއް ރުކުނަކީވެސް ނަޒާހާތްތެރިކަންކަމުގައި އޭސީސީގެ ރައީސް ވިދާޅުވިއެވެ.

"ކުޅިވަރަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުންކުރާ ހޭދައިގެ މަޤްޞަދު އެންމެ ފުރިހަމައަށް ހާސިލްވާމަންޒަރު ފެންނަންޖެހޭ. ނަމަވެސް ކުޅިވަރުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާނަމަ މިގޮތަށްކުރާ ހޭދަ ވާނީ ބޭކާރު އެއްޗަކަށް." ޝާމިލް ވިދާޅުވިއެވެ.

ޕްރޮމޯޓިން އެންޓި-ކޮރަޕްޝަން، އޮނެސްޓީ އެންޑް އެކައުންޓެބިލިޓީ އިން ސްޕޯޓްސް، ޕަޗަސް ކެންޕެއިން ރަސްމީ ގޮތުން އިފްތިތާޙްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

އޭސީސީން ވިދާޅުވީ، ޕަޗަސް ކެންޕެއިންގެ ދަށުން ކުޅިވަރުގެ މައިދާނުގައި ކޮރަޕްޝަން ނައްތާލެވޭނެ ގޮތްތައް ދެނެގަތުމަށް ދިރާސާއެއް ހަދާނެކަމަށެވެ. އަދި ކުޅިވަރުގެ މައިދާނުގައި ކޮރަޕްޝަން ނައްތާލުމާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަންތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.