ޚަބަރު

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ޔެލޯ އެލަރޓް ނެރުއްވައިފި


ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގަޑިއަކު 55 މޭލުގެ ބާރުމިނުގައި ވައިޖެހި ގަދައަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން އެސަރަހައްދުތަކަށް ޔެލޯ އެލަރޓް ނެރުއްވައިފިއެވެ. 

ޔެލޯ އެލަރޓް ނެރުއްވާފައިވަނީ އިރުއޮއްސި 6:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ. މެޓް އޮފީހުން ވިދާޅުވީ މި ވަގުތުތަކުގެ ތެރޭގައި އެސަރަހައްދަށް ގަދަވަޔާއި، ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. 

tw:https://twitter.com/MetMaldives/status/733275057464565760

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ ކުރިއަށް އޮތް ފަސްދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވައެވެ. އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށާއި، ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށްވެސް މޫސުމާބެހޭ އިދާރާއިން ވިދާޅުވެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން އަދި ޚާއްޞަގޮތެއްގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެފަރާތުން އިލްތިމާސްކުރައްވައެވެ. މޯލްޑިވްސް މީޓިއޮރިލިކަލް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާރޑުން ގެންދަވަނީ، ކަނޑުދަތުރުތައް ފެށުމުގެ ކުރިން މޫސުމަށް ސަމާލުވުމަށާއި ދަތުރާ ޙާލަތުގައިވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް ރަނގަޅަށް އަޅައިގެން ނޫނީ ދަތުރުނުކުރުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.