ޚަބަރު

ރިސޯޓް ލީގު: ރާ ޒޯނުގެ ފެށުން ޖޯލި މޯލްޑިވްސްއާއި ކޯރާ ކޯރާއިން ރަނގަޅުކޮށްފި


ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގުގެ ރާ ޒޯނުގެ ފެށުން ކޯރާ ކޯރާ މޯލްޑިވްސް އާއި ޖޯލި މޯލްޑިވްސް ރަނގަޅުކޮށްފިއެވެ.

ޖުމްލަ ހަތަރު ޓީމާއެކު ކުރިއަށްދާ މިއަހަރުގެ ރާ ޒޯނުގެ ފެށުން ޖޯލި މޯލްޑިވްސް އިން ރަނގަޅުކުރީ އަލީލާ ކޮތައިފަރު 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މެޗުގައި ޖޯލި މޯލްޑިވްސްގެ ލަނޑުތައް ޖަހައިދިނީ އަލީ އިޝާމް އާއި މުސްލިމް މުޙައްމަދާއި މުޙައްމަދު ޖުމާންގެ އިތުރުން މުޙައްމަދު ސަމީން އާއި މޫސާ ލަތީފުގެ އިތުރުން ހައްމާދު މުޙައްމަދެވެ. މީގެ ތެރެއިން މުސްލިމް މުޙައްމަދު ވަނީ ދެ ލަނޑު ޖަހާފައެވެ. ކޮތައިފަރުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ގުސައްޔު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ މުޙައްމަދު ޖުމާނެވެ.

ކޯރާ ކޯރާ ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ އެމެރަލްޑް ފާރުފުށި ރިސޯޓާއި ވާދަކޮށް 9-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި މުޙައްމަދު އިސާމް އާއި އަލީ މުޙައްމަދު ވަނީ ހެޓްރިކް ހަދާފައެވެ. ދެން އެ ޓީމަށް ލަނޑުތައް ޖަހައިދިނީ އަލީ މިޒްޔާން އާއި މޫސާ މުޒާހް މުޙައްމަދެވެ. މުޒާހް ވަނީ ދެ ލަނޑު ޖަހާފައެވެ. ފާރުފުށީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އަލާއު އަލީ އެވެ.

ޖުމްލަ ހަތަރު ޓީމު ވާދަކުރާ ރިސޯޓު ލީގު ރާ ޒޯނުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ޖޯލި މޯލްޑިވްސް އެވެ. އެ ޓީމު ވަނީ ރިސޯޓުތަކުގެ ޗެމްޕިއަނުންގެ މެދުގައި ބޭއްވި ރިސޯޓު ސުޕަ ލީގުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދާފައެވެ.